ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލުމުން ސަލާމަތްކުރި ބަންގްލަދޭޝް މީހާ، އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ބްރިޖު މަތިން ކަނޑަށް ފުންމާލާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވަ އެވެ. އެއަށްފަހު އޭނާ ކޯސްޓްގާޑް ހާބާ ކްރާފްޓަށް ނަގައިގެން ގެނެސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ގާޒީ ނާޒިރު މުއައްޒަމިލް ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ނެރުއްވާފަ އެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މީހާއަށް މިހާރު ވެސް ދަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
އޭނާގެ މައްޗަށް ކުރެވެނީ އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މީގެއިތުރުން، އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ކޯޓުން އިތުރަށް އަމުރުކޮށްފައިވަނީ، ހޮސްޕިޓަލުގައި އޮތް އެ މީހާގެ ބަލި ހާލަތު ރަނގަޅުވުމުން، އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށެވެ.
ސަންގެ މައްސަލަ އިސްތިއުނާފު ނުކުރީ ކުށް ސާބިތުނުވާނެތީ: ޕީޖީ
މައްކާ ހިމެނޭހެން ސައުދީގެ ބައެއް ސިޓީއަށް އަނެއްކާވެސް އިންޒާރު
އދ ގައި ނަތަންޔާހޫގެ ތަގުރީރު ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ
ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި