ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ރޭ މާލެއިން ހައްޔަރުކުރީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލި އަބްދުﷲ އަލީމަނިކު އެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ބުނެފައި ވަނީ، ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ހުރިހާ"އަށް މައުލޫމާތު ދިން މީހަކު ބުނީ، ރޭ ފުލުހުން ހައްޔަރުކުރީ ހިމަންދޫގައި ދީނީ ހަރުކަށި ފިކުރު ފަތުރައި، އެ ރަށުގައި ވަކިވެގަނެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ" ކުރުމުގައި ބައިވެރިވި ހއ. މޮޅަދޫ، އަބްދުﷲ އަލީ މަނިކު ކަމަށެވެ.
އަލީ މަނިކު އަކީ ޖިހާދުގެ ނަމުގައި ދިވެހީން ހަނގުރާމައަށް ރެކްރޫޓު ކުރުމާއި ހަނގުރާމައަށް ފޮނުވުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި ވަކިން ޖަމާއަތުގައި ނަމާދުކޮށް، ހަރުކަށި ފިކުރަށް މީހުން ލެންބުމަށް ކްލާސްތައް ބާއްވާ ހަދާ މީހެއް ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ މީހެކެވެ.
ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރި މައްސަލައިގައި އަލީ މަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލި އެވެ. އަދި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފަ އެވެ. 2009 ވަނަ އަހަރު ޖަލުން ފިލައިގެން ގދ. ތިނަދޫގައި އުޅެނިކޮށް، އެ ރަށުން އޭނާ ހައްޔަރުކޮށްގެން މާލެ ގެންދަނިކޮށް އޭނާ ވަނީ ވ. ފެލިދުއާ ހިސާބުން ބޯޓުން ކަނޑަށް ފުންމާލައިގެން ފިލަން މަސައްކަތްކޮށްފަ އެވެ.
ދެ ވަނަ ފަހަރަށް ޖަލުން ފިިލަން މަސައްކަތްކުރީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ޖަލުން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ އޭގެ އަހަރެއް ފަހުން ތިލަފުށިންވެ. އޭނާ ހައްޔަރު ކުރިއިރު ހުރީ ވަަރަށް ބޮޑަށް ސިފަ ބަދަލުކޮށްފައި އެވެ.
ރޭ މާލެއިން އޭނާ ހައްޔަރުކުރީ 10 އަހަރުގެ ހުކުމް ތަންފީޒުކޮށް މިނިވަންވެފައި ވަނިކޮށެވެ.