އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ނެޓްވޯކެއް ހިންގި މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ސ. ހިތަދޫ، ކޯޒީކޯނާ، އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގުކޮށްދިނުމަށް އެދި މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، މި މައްސަލަ ހިނގައިދިޔަ ގޮތް މަޖިލީހުން ބެލުމަކީ މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، މިފަދަ ނުރައްކާތެރި ކަންކަން ތަކުރާރުވިޔަނުދިނުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. އަދި ޕެރޯލް ދިނުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތަކާ ގުޅޭގޮތުން މުހިންމު 8 ކަމެއް ތަހުގީގުކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

އެގޮތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި:

  • ޕެރޯލް ބޯޑުން މި ނިންމުން ނިންމުމުގައި ވޯޓު ދިން ގޮތާއި، ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތައް ހިމެނޭހެން އެ މައްސަލައިގެ ފުރިހަމަ އިދާރީ ފައިލް ހޯދައި ދިރާސާކުރުން.
  • ޕެރޯލް ދިނުމަށް ޝަރުތުހަމަވާ ކަމަށް ނިންމި ޤާނޫނީ އަސާސާއި، އެ ނިންމުމަށް ބޭނުންކުރި މިންގަނޑުތައް ސާފުކުރުމަށް ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުން.
  • އަބްދުﷲ އިބްރާހީމް ދޫކޮށްލުމުގެ މަރުހަލާ ހިނގަމުންދާކަން ނުވަތަ ދޫކޮށްލިކަން ހޯމް މިނިސްޓްރީއަށް އެނގުނު ވަގުތާއި، ޕެރޯލް ބޯޑާއެކު ކުރެވުނު މުއާމަލާތްތަކާއި، ބޯޑު މެންބަރުން ވަކިކުރި ސަބަބު އޮޅުންފިލުވުމަށް މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރުން.
  • މިކަމުގައި ނުފޫޒެއް ނުވަތަ ނަހަމަ މަންފާއެއް ހިމެނޭތޯ ބެލުމަށް އޭސީސީ އަދި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ހުށަހެޅުން.
  • މިއީ އިދާރީ ގޯހެއްތޯ ނުވަތަ ނިޒާމީ ގޮތެއްގައި ހިނގާ ކަމެއްތޯ ކަށަވަރުކުރުމަށް ޕެރޯލް ބޯޑުގެ ކުރީގެ ނިންމުންތައް ދިރާސާކުރުން.
  • 25 އަހަރުގެ ހުކުމެއް އޮތް ކުށްވެރިޔަކު ދޫކޮށްލުމުގައި ޕެރޯލް ބޯޑަށް ޤާނޫނީ ގޮތުން އޮޅުންއެރި ސަބަބު ދެނެގަނެ، އެ މެންބަރުންނާމެދު ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމުން.
  • މިފަދަ ނުބައި މާނަކުރުމެއްގެ ތެރެއިން މީގެ ކުރިން ބޮޑެތި ކުށްވެރިންތަކެއް ދޫވެފައިވޭތޯ ބެލުމަށް ހާއްސަ އޮޑިޓެއް ހިންގުން.
  • ޕެރޯލްގެ ދަށުން ދޫކޮށްލުމަށްފަހު، ކޯޓު އަމުރަކާ ނުލައި އަލުން ހައްޔަރުކުރުމުގައި އަމަލުކުރި ޤާނޫނީ އިޖުރާއަތު ސާފުކުރުން.

ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 2020 ވަނަ އަހަރު ހައްޔަރުކުރި އަބްދުﷲ އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ޕެރޯލް ބޯޑުން އޭނާ މިނިވަންކުރުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ފުލުހުން ވަނީ އަލުން އޭނާ ހައްޔަރުކޮށް ބަންދުކޮށްފަ އެވެ.