ތިނަދޫ ސިޓީގައި ހިނގައިދިޔަ ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ރައްދުވާގޮތަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެ މައްސަލައިގައި މުވައްޒަފަކު ކުށްވެރިވެއްޖެނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ދީފި އެވެ.

ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މަސައްކަތުގެ މާހައުލުގައާއި އެ މާހައުލުން ބޭރުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަހުލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ އެއް މަގްސަދު ކަމަށެވެ. އަދި އެ ޕޮލިސީ ފަރުމާކުރެވިފައި ވަނީ އަހްލާގީ މިންގަނޑުން ބޭރުވެ، ނޭއްގާނީ ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ، ތަހުގީގީ އިދާރާއަކުން ވެމްކޯގެ އެއްވެސް މުވައްޒަފަކަށް އެފަދަ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

މީގެއިތުރުން ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އަމަލުތައް އެ ކޯޕަރޭޝަނުން އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށް ވެސް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.