ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 22 އަހަރުގެ އަންހެނަކަށް ގްރޫޕަކުން ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި 9 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ. މިކަން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި އެ އަނިޔާވެރި އަމަލު ހިންގާފައި ވަނީ އެ އަންހެން މީހާގެ ދެ އަތާއި ދެފައި ބަނުމަށްފަހުގަ އެވެ. މި ހާދިސާގައި އެ އަންހެން މީހާއަށް ބޮޑެތި ޖިންސީ އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މި މައްސަލައިގެ ތެރެއިން ދެ ކުޑަކުއްޖަކަށް ޕާޓީ ޑްރަގްސް ދިނުމަށްފަހު ޖިންސީ ގޯނާކޮށްފައިވާ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ. ފުލުހުން އަންނަނީ މި ތުހުމަތުތައް ވެސް އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.

އެ ހާދިސާއަށްފަހު އެ ރަށު ބަނދަރުމަތީގައި ހުންނަ ފެރީ ޓާމިނަލް ތެރޭގައި އެ އަންހެން މީހާ ރޯން އިންދައި އޭނާ ފެނިފައިވަނީ ފުލުހުންނަށެވެ. ފުލުހުން ވަނީ ވަގުތުން އޭނާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން ޑޮކްޓަރުގެ ރިޕޯޓްތަކުން ވަނީ ކަށަވަރުވެފަ އެވެ. ފުލުހުން އަންނަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.