ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ފެންމަތިވި މި މައްސަލާގައި، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެގެން 22 އަހަރުގެ އަންހެނަކު ރޭޕްކުރުމުގެ އިތުރުން، އެ ރަށުގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަތަކެކެވެ. ނަމަވެސް، މި ހިތާމަވެރި ހާދިސާ ހިނގި ވަކި ރަށެއްގެ ނަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެމީހުންނަކީ:

  • މުހައްމަދު މައިސަން ޝިޔާޒު (21އ)
  • އަހުމަދު އިފްތިޝާމް ޒަރީރު (24އ)
  • ނަޖުމުﷲ ހަސަން (35އ)
  • އާޒިމް މުފީދު (24އ)
  • އަލީ ހުޒާމް ސައީދު (31އ)
  • މުހައްމަދު ސޯލިހު އަހުމަދު (26އ)
  • އަހުމަދު ނޫހު ނިޔާޒު (20އ)
  • މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ)
  • އަހުމަދު ސާނިޖު ސޯދިގު (32އ)

ފުލުހުން ބުނި ގޮތުގައި، މި މީހުންގެ ބަންދާ މެދު ކޯޓުން ގޮތެއް ނިންމި އިރު، މުހައްމަދު ސޯލިހު، މުހައްމަދު މިޝަލް، ނަޖުމުﷲ އަދި އަހުމަދު ނޫހުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައިވެ އެވެ. މީގެ އިތުރުން، މައިސަން އާއި އާޒިމްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާއިރު، އަހުމަދު ސާނިޖުގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފަ އެވެ. އަދި، އިފްތިޝާމް އާއި ހުޒާމް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެ އެވެ.

މި ރޭޕް މައްސަލައިގެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެ ރަށަށް ފޮނުވާފަ އެވެ. މި ޓީމު މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިންނާ ގުޅޭގޮތުން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މި ކަންކަން ވަރަށް ބޮޑު ސީރިއަސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.