މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އާޓިފިޝަލް ބީޗާއި މަސްމާރުކޭޓު ހިމެނޭހެން މުހިންމު 14 ބިމެއް ސަރުކާރަށް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިޓީ ކައުންސިލުން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ ހައުސިން މިނިސްޓްރީން އެ ބިންތައް ދައުލަތަށް ނެގި ނަމަވެސް، އެތަންތަނުގައި ހިންގަން އުޅޭ މަޝްރޫއުތަކުގެ އެއްވެސް ތަފްސީލެއް ކައުންސިލަށް ހިއްސާކޮށްފައި ނުވާ ކަމަށް ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

އެއާއެކު ބިމާ ގުޅޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ ކޯޓަށް މައްސަލަ ހުށަހެޅިއިރު، ސަރުކާރުން ވަނީ ކައުންސިލަށް ދޭންޖެހޭ ބްލޮކް ގްރާންޓުގެ 74 މިލިއަން ރުފިޔާ ވެސް ހިފަހައްޓާފަ އެވެ.

މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކުރި އިއުލާނުގައި ވަނީ މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ބައެއް ބިންތައް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީވެސް އެ ނިންމުމުގެ މަގުސަދެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން އަތުލި ބިންތަކުގެ ތަފްސީލް:

  1. ސަލްޓަން ޕާކު، މިއުޒިއަމް ސަރަހައްދު: އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކެއް ތަރައްގީކުރުން
  2. މަސް މާރުކޭޓު: އޮފީސް އަދި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށްދޭ އިމާރާތެއް ބިނާކުރުން
  3. ލޯކަލް މާރުކޭޓު: ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް ގާއިމުކުރުން
  4. ދަތުވެރިންގެ މާރުކޭޓު: މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫއެއް ހިންގުން
  5. ސިޓީ ކައުންސިލް އެކަމަޑޭޝަން ބިން: ލޭބާ އެކަމަޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއެއް ހެދުން
  6. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ޑޭ ކެއާ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ބިނާކުރުން
  7. ކާނިވާ ކެފޭ ޕާކިން ސަރަހައްދު: ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން
  8. އާޓިފިޝަލް ބީޗު: އާންމުންގެ މުނިފޫހިފިލުވުމަށް ހާއްސަ ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއް ގާއިމުކުރުން
  9. މަސްވެރިންގެ މައިޒާން: މިހާރު ވެސް ބޭނުންކުރަމުންދާ ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން
  10. ތައިސޭ ކޮށީގެ ހުސް ބިންތައް: ތަރައްގީގެ މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުން
  11. ޕޭ ޓޮއިލެޓް 2 ބިން: ޕަބްލިކް ފާހަނާ އާއި އެއާ ގުޅޭ ހިދުމަތްތައް ތަރައްގީކުރުން
  12. ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން: އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ފެސިލިޓީއެއް ގާއިމުކުރުން
  13. ބޮނޑިބަތް ޕާކު: ޕާކިން އިމާރާތެއްގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޚާއްސަ ތަނެއްގެ ގޮތުގައި ތަރައްގީކުރުން
  14. ރަސްފަންނު: އެ ސަރަހައްދު ހިންގާ ބެލެހެއްޓުން މުތުލަގަށް ސަރުކާރުގެ ދަށަށް ބަދަލުކުރުން