މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރުން ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން މިރޭ ބޭއްވި ކުއްލި ޖަލްސާގައި ފާސްކޮށްފި އެވެ.
މި ޖަލްސާގައި ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ އެ 14 ބިމުގައި އެއްފަހަރާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެ ބިންތައް އަތުލުމަށް ސަރުކާރުން ދެއްކި ބަހަނާއެއް ކަމަށް ވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
މިރޭ ބޭއްވި ކުއްލި ޖަލްސާއަށް ހާޒިރުވި ހުރިހާ ކައުންސިލަރުން ވެސް ވަނީ އެ ބިންތައް އަތުލުމަށް ކުރާ މަސައްކަތުގައި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. ޕީއެންސީއަށް ނިސްވަތްވާ ދެ ކައުންސިލަރަކު މިރޭގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެ އެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކުރި އިއުލާނެއްގައި ވަނީ މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ބައެއް ބިންތައް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީވެސް އެ ނިންމުމުގެ މަގުސަދެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުން އަތުލި ބިންތަކުގެ ތަފްސީލް
1. ސަލްޓަން ޕާކު، މިއުޒިއަމް ސަރަހައްދު: އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކެއް ތަރައްގީކުރުން
2. މަސް މާރުކޭޓު: އޮފީސް އަދި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށްދޭ އިމާރާތެއް ބިނާކުރުން
3. ލޯކަލް މާރުކޭޓު: ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް ގާއިމުކުރުން
4. ދަތުވެރިންގެ މާރުކޭޓު: މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫއެއް ހިންގުން
5. ސިޓީ ކައުންސިލް އެކަމަޑޭޝަން ބިން: ލޭބާ އެކަމަޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއެއް ހެދުން
6. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ޑޭ ކެއާ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ބިނާކުރުން
7. ކާނިވާ ކެފޭ ޕާކިން ސަރަހައްދު: ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން
8. އާޓިފިޝަލް ބީޗު: އާންމުންގެ މުނިފޫހިފިލުވުމަށް ހާއްސަ ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއް ގާއިމުކުރުން
9. މަސްވެރިންގެ މައިޒާން: މިހާރު ވެސް ބޭނުންކުރަމުންދާ ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން
10. ތައިސޭ ކޮށީގެ ހުސް ބިންތައް: ތަރައްގީގެ މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުން
11. ޕޭ ޓޮއިލެޓް 2 ބިން: ޕަބްލިކް ފާހަނާ އާއި އެއާ ގުޅޭ ހިދުމަތްތައް ތަރައްގީކުރުން
12. ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން: އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ފެސިލިޓީއެއް ގާއިމުކުރުން
13. ބޮނޑިބަތް ޕާކު: ޕާކިން އިމާރާތެއްގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޚާއްސަ ތަނެއްގެ ގޮތުގައި ތަރައްގީކުރުން
14. ރަސްފަންނު: އެ ސަރަހައްދު ހިންގާ ބެލެހެއްޓުން މުތުލަގަށް ސަރުކާރުގެ ދަށަށް ބަދަލުކުރުން
މި ސަރުކާރުން އަންނަނީ މާލެ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައި އެ ކައުންސިލަށް އެއްވެސް ކަމެއް ވިޔަނުދިނުމަށް މަސައްކަތް ކުރަމުންނެވެ.
ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނަކީ މުއިއްޒު: ފައްޔާޒު
ވައިނުސާފުވާތީ ބައެއް ކުންފުނިތަކަށް ސިންގަޕޫރުން ފިޔަވަޅުއަޅަނީ
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ރީނދޫ އެލާޓް
