މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރުން ނެގިކަން އިއުލާންކޮށްފި އެވެ.

ހައިސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ބައެއް ބިންތައް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން އަތުލި ބިންތަކުގެ ތަފްސީލް

1. ސަލްޓަން ޕާކު، މިއުޒިއަމް ސަރަޙައްދު: އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކެއް ތަރައްގީކުރުން

2. މަސް މާރުކޭޓު: އޮފީސް އަދި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށްދޭ އިމާރާތެއް ބިނާކުރުން

3. ލޯކަލް މާރުކޭޓު: ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް ގާއިމުކުރުން

4. ދަތުވެރިންގެ މާރުކޭޓު: މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫއެއް ހިންގުން

5. ސިޓީ ކައުންސިލް އެކަމަޑޭޝަން ބިން: ލޭބާ އެކަމަޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއެއް ހެދުން

6. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ޑޭ ކެއާ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ބިނާކުރުން

7. ކާނިވާ ކެފޭ ޕާކިން ސަރަހައްދު: ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން

8. އާޓިފިޝަލް ބީޗު: އާންމުންގެ މުނިފޫހިފިލުވުމަށް ހާއްސަ ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއް ގާއިމުކުރުން

9. މަސްވެރިންގެ މައިޒާން: މިހާރު ވެސް ބޭނުންކުރަމުންދާ ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން

10. ތައިސޭ ކޮށީގެ ހުސް ބިންތައް: ތަރައްގީގެ މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުން

11. ޕޭ ޓޮއިލެޓް 2 ބިން: ޕަބްލިކް ފާހަނާ އާއި އެއާ ގުޅޭ ހިދުމަތްތައް ތަރައްގީކުރުން

12. ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން: އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ފެސިލިޓީއެއް ގާއިމުކުރުން

13. ބޮނޑިބަތް ޕާކު: ޕާކިން އިމާރާތެއްގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޚާއްސަ ތަނެއްގެ ގޮތުގައި ތަރައްގީކުރުން

14. ރަސްފަންނު: އެ ސަރަހައްދު ހިންގާ ބެލެހެއްޓުން މުތުލަގަށް ސަރުކާރުގެ ދަށަށް ބަދަލުކުރުން

މި ސަރުކާރުން އަންނަނީ މާލެ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައި އެ ކައުންސިލަށް އެއްވެސް ކަމެއް ވިޔަނުދިނުމަށް މަސައްކަތް ކުރަމުންނެވެ.