މާލެ ސަރަހައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހީގެ އިތުރު ތިން ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އޭގެ ކުރީ ހަފުތާގައި މި ބަލީގެ އެއްވެސް ކޭހެއް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މި ބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު ވަނީ 290 އަށް އަރާފަ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައަޅާފައިވީ ނަމަވެސް، ފަހަކަށް އައިސް ބަލީގެ ކޭސްތައް އަލުން ފެންމަތިވަމުންދާތީ ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިއަހަރު ބަލިޖެހިގެން ރިޕޯޓުކުރަމުންދާ މިންވަރު ކުރީގެ އަހަރުތަކާ އަޅައިބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިހާތަނަށް 17،256 މީހަކަށް ވަނީ މި ބައްޔާ ގުޅުންހުރި ވެކްސިން ދީފަ އެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކާއި، ބަލިޖެހިފައިވާ މީހަކާ ގާތުން ދިމާވެފައިވާ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން މާލޭގެ ދަމަނަވެށި (ޔޫޕީއެޗްސީސީ) އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.