މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) އެއްވެސް ކޭސް އެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން އެކަކު ހިމަބިއްސަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވީ ނަމަވެސް، މިދިޔަ ހަފުތާގައި އާ ކޭސްއެއް ފެނިފައެއް ނުވެ އެވެ.

މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 287 އެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނިކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި އަލުން ހިމަބިހި ފެތުރެން ފެށިއެވެ. އޭރު ކޮންމެ ހަފުތާއަކު ގިނަ އަދަދެއްގެ މީހުން ބައްޔަށް ފައްސިވި ނަމަވެސް، ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތަކާއެކު މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ.

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން މިދިޔަ ހަފުތާގައި އިތުރު 186 މީހަކު ވަނީ ޖަހާފަ އެވެ. އަދި މިއާއެކު މި އަހަރުގެ މިހާތަނަށް ޖުމްލަ 16،689 މީހަކު ވަނީ އެމްއާރު ވެކްސިން ފުރިހަމަކޮށްފަ އެވެ.