ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން، "މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" ގެ ނަމުގައި އެއް މެނޭޖްމަންޓެއްގެ ދަށުން ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް ހިންގުމަށް ސަރުކާރުން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެއާއި އަތޮޅުތެރޭގެ ޓާޝަރީ ހޮސްޕިޓަލްތައް އެއް ނިޒާމަކުން ގުޅާލުމުން ސިއްހީ ދާއިރާގެ ބޭކާރު ހަރަދުތައް ކުޑަވެ، ހިދުމަތުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓޭނެ ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ ގޮތް ފަހިކޮށްދީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މިހާރު ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ފުށުއަރަމުންދާތީ، އެއް ވިއުގައަކުން ގުޅާލުމުން ޕްރޮކިއުމަންޓާއި މުވައްޒަފުން ބެލެހެއްޓުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި އެއް ހޮސްޕިޓަލެއްގައި ބޭނުންނުކޮށް ހުންނަ ސިއްހީ ސާމާނު ބޭކާރުވިޔަނުދީ، އެ ތަކެތި ބޭނުންޖެހިފައިވާ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްގެން ބޭނުންކުރެވޭނެ އުސޫލެއް ގާއިމުވެގެންދާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓާއެކު މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި ހުރިހާ ޓާޝަރީ ހޮސްޕިޓަލެއް މި ނިޒާމަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ތެރޭގައި މާލޭގެ އިތުރުން ލާމު، ފުވައްމުލައް، ތިނަދޫ، އައްޑޫ، ކުޅުދުއްފުށި އަދި އުނގޫފާރު ހޮސްޕިޓަލް ހިމެނެ އެވެ.

މި ބަދަލު ގެނައުމުގައި އިތުރު މުވައްޒަފުން ނުނަގައި، މިހާރު ތިބި މުވައްޒަފުންނާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން މަސައްކަތްތައް ހަރުދަނާކުރުމަށް ވަނީ ނިންމާފަ އެވެ.