އެއީ މެދު ރާއްޖެތެރޭގެ ރަށެކެވެ. ނަވާރަސަތޭކައިގެ އަހަރުތަކުގައި މަސްވެރިކަން ރަނގަޅު ރަށެކެވެ. ހުސައިންފުޅަކީ (އަސްލު ނަމެއް ނޫން) އެ ދުވަސްވަރު ރަށުގައި ނަންކިޔާ މަސްވެރިއެކެވެ. ގަވާއިދުން ރަށު ފާލަންކޮޅަށް ފަރުމަސް ބާނަން ދިޔުމަކީ އޭނާގެ އާދަ އެކެވެ.
އެރޭ ވެސް ހުސައިންފުޅު ނުކުތީ މަސްދޮށްޓާއި ކަންވާރު ފުޅި ހިފައިގެން ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ ފާލަންކޮޅާ ދިމާއަށް ދިއުމަށެވެ. ވަގުތަކީ އިރާކޮޅުގެ ވަގުތެވެ. ގެއިން ނުކުތް އިރު ހުރިހާ ދަރިންވެސް ތިބީ ނިދާފަ އެވެ.
ފާލަންކޮޅަށް ދެވުމާއެކު ހުސައިންފުޅު އޭނާގެ މަސައްކަތް ފެށި އެވެ. ނަނު އެއްލައިގެން ފާލަންކޮޅުގައި އިށީނެވެ. މުޅި ރަށް އޮތީ އަރާމު ނިންޖަކުން ނިދާފަ އެވެ. މީހެއްގެ ހިލަމެއް، އަޑެއް ބަޑެއް ނީވެ އެވެ. ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ. ދުނިޔެ މައްޗަށް މިލަ ހަނދުވަރެއް ދީފައި ހުއްޓެވެ.
ރެއަކީ މަސްވެރިކަން ރަނގަޅު ރެއެއްކަން ހުސައިން ފުޅަށް ފާހަގަ ކުރެވުނެވެ. ހީކުރިވަރަށް ވުރެ ގިނައިން މަސް ބޭނުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ހިތްހަމަ ޖެހޭ ވަރަށް މަސް ބޭނެވުމުން ދެން އޭނާ އަވަސްވެގަތީ ބޭނުނު މަސްތަކުގެ ކަރުއަޅާ ސާފު ކުރާށެވެ.
ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ފާލަމުގެ އެއްގަމާ ވީ ކޮޅުގައި ހުރި ކުޑަ ކުއްޖެކެވެ. އިސްކޮޅާއި ހަށިގަނޑުން ދަންނަ ކުއްޖަކާ ވައްތަރުވި އެވެ. ރަނގަޅަށް ބަލާލުމުން އެއީ ހަތް އަހަރަށް ދާ އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު މަރިޔަން ކަން ހުސައިންފުޅަށް ޔަގީންވި އެވެ.
އިރާކޮޅުގައި ހުސައިންފުޅު މަސް ބާނަން އަންނަކަން މަރިޔަން އަށް އެނގޭނެ އެވެ. ނިދިން ހޭލެވިގެން ހުސައިންފުޅުގެ ފަސްފަހަތުން މަރިޔަން ވެސް އައީ ކަމުގައި އޭނާ ނިންމި އެވެ. ކުރަން އިން މަސައްކަތް އަވަސްކޮށްލުމަށްފަހު ހުސައިންފުޅު ގެއާ ދިމާއަށް ހިނގައިގަތީ ހަރަކާތެއް ވެސް ނުކޮށް ހުރި މަރިޔަންގެ އަތުގައި ހިފައިގެންނެވެ.
ގެއަށް ދާން ދިޔަ މަގުމަތީގައި ހުސައިން ފުޅު މަރިޔަން އާ ދެއްކި އެއްވެސް ވާހަކައަކަށް އޭނާ ޖަވާބެއް ނުދެ އެވެ. ކިޔަމަންތެރި ކަމާއެކު ހުސައިންފުޅުގެ އަތުގައި ހިފަހައްޓައިގެން ހިނގަމުންދިޔަ އެވެ. ދަރިފުޅާ އައްމާ ކޮބާހޭ، އެކަނި އައީ ކީއްވެގެންހޭ ތަކުރާރުކޮށް ހުސައިންފުޅު އަހަމުން ދިޔަ އެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.
ރަށުގެ މީހުން އުޅޭ ހިސާބަށް އަރައި ލަހެއް ނުވެ ގެއާ ހިސާބަށް ވެސް އާދެވިއްޖެ އެވެ. ބޭރުގޭ ތެރޭގައި ދިއްލާފައި ހުރި ފުޅިބައްތިން ގޯތީގެ ބޭރު ދޮރާށްޓާ ހިސާބަށް އަލިވެ އެވެ. ދޮރާ އަރާ ހަމަވުމަށްފަހު ގެނައި މަސްތައް ކައިރީގައި ބަހައްޓައި ހުސައިންފުޅު މަރިޔަން އާ ދިމާއަށް ބަލާލި އެވެ.
ދެންމެ އަތުގައި ހިފަހައްޓައިގެން ހުރި މަރިޔަން އޭރު ފެންނާކަށް ނެތެވެ. އެކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރި އަތުގައި އޭރު އޮތީ ހުސް ލޮންޖެވެ. ވާނުވާ ނޭނގި ހުރެ ހުސައިން ފުޅު ވަނީ އެތެރެއަށެވެ. އެތެރެ ގޭގެ ބޮޑު އަށި މަތީގައި މަރިޔަން ނިދާފައި އޮތެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ހޭލައި އުޅުނު ކަމުގެ އެއްވެސް ހިލަމެއް އެކުއްޖާގެ ފުށަކުން ނުފެނެ އެވެ.
އެރެއަށްފަހު ވެސް ހުސައިންފުޅު އެ ފާލަންދޮށަށް މަސްބާނަން ގޮސް އުޅުނެވެ. ނަމަވެސް އެރޭ ދިމާވި ފަދަ ހާދިސާ އެއް އޭގެ ފަހުން ހުސައިންފުޅަށް ދިމައެއް ނުވެ އެވެ.
އަވަށްޓެހި ކުދިންނަކީ ރާއްޖޭގެ އެކި ރަށްރަށުން އެކި ދުވަސްވަރު ފެންނަ ކަމަށް ބުނާ ކުދިންތަކެކެވެ. ރޭގަނޑުގެ އަނދިރިކަމުގައި ފެންނަ އެ ކުދިންނަކީ އިންސާނުންނަށް އެއްވެސް ގޮތަކުން ގެއްލުން ދޭ ބައެއް ކަމަކަށް ނުވެ އެވެ.
ދިވެހިންގެ ތެރޭގައި ދެކެވޭ މިފަދަ ވާހަކަތައް ގަބޫލު ކުރާ މީހުންނާއި ނުކުރާ މީހުންވެސް އަހަރުމެންގެ ތެރޭގައި އުޅެއެވެ. އެހެނެއް ކަމަކު މިފަދަ ހާދިސާތައް ލޮލުން ދެކި ތަޖުރިބާ ކޮށްފައިވާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅެ އެވެ.
ތީޖޯކު