ޣައްޒާ (20 މެއި) - އިޒްރޭލުގެ އަނިޔާވެރި ދައުލަތުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ރޮކެޓް މިސައިލާއި ބޮން އަޅަން ފެށިތާ 11 ދުވަސްވެފައި ވާއިރު ފަލަސްތީނުގެ އާއްމު ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ.

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ޒައަނިސްޓް ސިފައިން މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ޣައްޒާގެ މަދަނީ އިމާރާތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 230 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 65 ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ އާއްމު ދިރިއުޅުމުގެ ހާލަތުވެސް ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ. ދުވާލަކު އެންމެ ހަތަރު ގަޑިއިރަށް ކަރަންޓު ލިބޭއިރު ސާފު ބޯފެނާއި ކާބޯތަކެތި ލިބުން ވެސް އެ ގައުމުގެ ރައްޔިތުންނަށް ވަނީ ދަތިވެފަ އެވެ. އަދި ހަމަ އެހެންމެ ސިއްހީ ހިދުމަތާއި ތައުލީމު ފަދަ އެންމެ އަސާސީ އިންސާނީ ހައްގުތަކުން ފަލަސްތީނުގެ ރައްޔިތުން މަހްރޫމުވެފައިވާއިރު އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ދަނީ ޣައްޒާގައި ހުންނަ ހޮސްޕިޓަލްތައް ފަދަ އުމްރާނީ ތަންތަނަށް އަމާޒުކޮށް ބޮން އަޅަމުންނެވެ.

ފަލަސްތީނުގެ ނާޒުކު ހާލަތާއެކު އ.ދ އިން ވަނީ އެމެޖެންސީކޮށް އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަތް މިލިއަން ޑޮލަރު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފަ އެވެ.

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ހޫނުވެފައިވާއިރު މެދު އިރުމަތީގެ އެހެން ގައުމުތަކުން ދަނީ މަސްރަހު ފިނިކޮށް ސުލްހައިގެ މަޝްވަރާތައް ފެށުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރަމުންނެވެ. -- އަލް އަރަބިއްޔާ