ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު ހދ. ކުޅުދުއްފުށިން ފެނި އަދި އެ މީހާ އެ އަތޮޅު ނޮޅިވަރަމަށް ދަތުރުކުރުމުން އެ ދެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔުމަށްފަހު ބަލަންޖެހޭ ކަންތައް ބަލައި ނިމުމުން އެ ދެރަށް މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.

އެޗްޕީއޭ އިން މިރޭ ވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނީޓަރިން އިން ނަގާފައިވާކަން އެ ދެ ރަށުގެ ކައުންސިލަށް އަންގައިފަ އެވެ.

ކުޅުދުއްފުށި މޮނީޓަރިންއަށްލީ މާލެ ދަތުރުކުރާ އެ ރަށު "ފާޅު" ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކު ވެސް ޕޮޒިޓިވް ވެފައިވާއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ނޮޅިވަރަމުން މި ކްލަސްޓާ އާއި ގުޅުންހުރި މީހަކު ޕޮޒިޓިވްއެއް ނުވެ އެވެ.

އެޗްޕީއޭ އިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންތައް ބަލައި ނިމުމުން ކުޅުދުއްފުށި އަދި ނޮޅިވަރަމުގެ މޮނީޓަރިން އުވާލާފައިވާ ކަމަށެވެ.

މޮނީޓަރިން އުވާލިނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފި އެވެ.