ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ދިވެހި ރައްޔިތުން ދެވަނަ ދައުރެއް ނުދޭނެ ކަމަށާއި، މި ސަރުކާރަކަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ރައީސް މުއިއްޒު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މަޝްރޫއުގެ ކަންކަމުގައި އެންމެ ބޮޑަށް އެއްބާރުލުން ދެއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ގައުމީ ހަރަކާތުން ކުރިއަށްގެންދާ ކަންކަމާ ދެކޮޅަށް ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ހީލަތްތެރި ކަމަކީ ނުބައި މާނާގައި އޮޅުވާލައިގެން ޔަހޫދީންނަށް ރަސްމާލެއިން ބިން ދިނުން ކަމަށެވެ.

"ހީލަތްތެރި ކަމެއްތޯ ނުވަނަ ނޫންތޯ ބަލާލަން އާންމުންގެ ވޯޓަކަށް ދޭބަލަ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ ސަރުކާރަށް ފަސް އިންސައްތަ ރައްޔިތުންގެ ތާއީދު ވެސް ނުލިބޭނެ ކަމަށެވެ. ރަސްމާލެއަށް ގެންނަން އުޅެނީ ޔަހޫދީން ކަމަށާއި، އެމީހުން މިހާރު ތިބީ އެތަނަށް އަންނަން ފޮށިތަންމަތި ބަނދެގެން ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ރައީސް މުއިއްޒަކީ ގާނޫނީ ހުވައެއް ކުރައްވައިގެން ހުންނެވި ނަމަވެސް އެ ހުވާގެ އަމާނާތް ދެމެހެއްޓޭވަރުގެ ބޭފުޅެއް ނޫންކަން އަމިއްލައަށް ސާބިތުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި ދިވެހިންގެ ބިމުން ބައެއް ރައީސް މުއިއްޒު ވިއްކަވާލަން ދިވެހި ސިފައިން ޖާގަދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ދައުލަތަށް މިހާ ބޮޑު ގެއްލުމެއް ދީފައި އީގަލް ހިލްސްއަށް ރަސްމާލެ ދިނުމުގައި ބައިވެރިވާ އެންމެންގެ މައްޗަށް ދެން އަންނަ ސަރުކާރެއްގައި ތަހުގީގު ހިންގަވާނެ ކަމުގެ އިންޒާރު ވެސް ރައީސް ޔާމީން ދެއްވި އެވެ.

މީގެއިތުރުން، އީގަލް ހިލްސްއަށް ރަސްމާލޭގެ ބޮޑު ބައެއް ދިނުމަށް މަގުފަހިކުރަން މަޖިލީހަށް ވައްދާފައިވާ ރިއަލް އެސްޓޭޓް ވައްދައިގެން އެ މަޝްރޫއާ އެއްކޮޅަށް ވޯޓު ދެއްވާ ކޮންމެ މަޖިލިސް މެންބަރަކީ ގައުމަށް ޚާއިނުވާ ބޭފުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެ ވެ.