ކޮވިޑް ޖެހިގެން ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ މިއަދު ހަވީރު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 80 އަހަރުގައި ފަތުހީ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ފަރުވާމުންދެނިކޮށް ހަވީރު 5:40 ގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ. މިއީ ކޮވިޑް ޖެހިގެން މިއަދު މަރު ތިންވަނަ މީހާ އެވެ. މިހާތަނަށް މަރުވި 126 ވަނަ މީހާ އެވެ. މި ބަލީގައި މިމަހު އެކަނި 53 މީހުން މަރުވެފައިވެ އެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަހު އޮޑިޓާ ޖެނެރަލް ކުރެއްވި ފަތުހީ މަގާމުން ވަކިވެވަޑައިގެންނެވީ ޖެނުއަރީ 16، 2008 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ނޮވެމްބަރު 11، 1993 ވަނަ އަހަރު އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީގެ ކޮއްކޯފުޅު ފަތުހީ ވަނީ 1968 ވަނަ އަހަރު އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން ކޮމާސް އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އޭގެ ފަހުން 1969 އަހަރުން ފެށިގެން 1978 ވަނަ އަހަރާ ހަމަޔަށް އޭނާ އޮޑިޓް އޮފީހުގައި ވަޒީފާ އަދާކުރެއްވި އެވެ. އަދި އޭގެ ފަހުން އެސްޓީއޯގެ މެނޭޖަރުކަން ވެސް ފަތުހީ ކުރެއްވި އެވެ. އޭގެ އިތުރުން ނެޝަނަލް ޕްލޭނިން އެޖެންސީ އާއި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ ވަޒީފާ ވެސް އޭނާ އަދާކުރެއްވި އެވެ.

ފަތުހީ ވަނީ 1981 ވަނަ އަހަރު އެމްއެމްއޭ އުފެދުމާއެކު އެތަނުގެ ވައިސް ގަވަރުނަރުކަން ވެސް ނޮވެމްބަރު 10، 1993 ވަނަ އަހަރާ ހަމަޔަށް އަދާކުރައްވައިފަ އެވެ. އޭގެ ގަވަރުނަރަކަށް ހުންނެވީ ރައީސް މައުމޫނެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ

ފަތުހީ އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ މިނިސްޓަ އޮފް ސްޓޭޓް ފެންވަރުގަ އެވެ. އޭރު އެ މަގާމަކީ ރައީސް އައްޔަންކުރައްވާ މަގާމެކެވެ. އޭނާ އަކީ އެންމެ ފަހުން އެ މަގާމަށް ރައީސް އައްޔަންކުރެއްވި ބޭފުޅާ އެވެ. އޭގެ ފަހުން އެ އޮފީސް އާ ގާނޫނު އަސާސީގެ ދަށުން މިނިވަން މުސްތަގިއްލު އިދާރާއަކަށް ބަދަލުވުމުން އޮޑިޓާ ޖެނެރަލް އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ފަތުހީ އޮޑިޓް އޮފީހުގެ ވެރިޔަށް ހުންނެވި ދުވަސްވަރު ވަނީ އެ އޮފީހުގެ ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ބޮޑު މަޝްރޫއެއް ހިންވައިފަ އެވެ. އެ މަޝްރޫއުގެ ދަށުން އެ އޮފީސް ޒަމާނީކޮށް، އޮޓޮމޭޓްކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ހިންގަން ވެސް ބަދަލުތަކެއް ގެންނަވާފައިވެ އެވެ.