ކޮވިޑް ބަލީގެ 16 މީހަކަށް އައިސީޔޫގައި މި ވަގުތު ފަރުވާ ހޯދަމުން އަންނައިރު ނުވަ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޮވިޑް މިހާރުގެ ހާލަތު ނޫސްވެރިންނަށް ހިއްސާކުރަން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް 294 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އަދި 16 މީހަކު އައިސީޔޫގައި ފަރުވާ ހޯދަމުން އަންނައިރު 9 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވާހަކަދައްކަވަނީ. ފޮޓޯ: އެޗްއީއޯސީ

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގެ އައިސީޔޫގައި ނުވަ މީހަކަށް ފަރުވާ ދެމުންދާ އިރު ފަސް މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ހަމައެއާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ހަތް މީހަކަށް ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް. ކޮވިޑްގެ އެންމެ ސީރިއަސް މީހުންނަށް ފަރުވާ ދެނީ މި ހޮސްޕިޓަލުގައި. ފޮޓޯ: އަބްދުﷲ ޖަމީލު | ހުރިހާ

ހޮސްޕިޓަލުގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންނަށް ބަލާއިރު މި ވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގެ ވޯޑުގައި ނުވަ މީހަކު، 16 ވަނަ ފަންގިފިލާގައި ނުވަ މީހަކު، ޕްރައިވެޓް ވޯޑުގައި ހަތަރު މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހިޔާ ވިންގު ގައި 10 މީހަކު އޮތް އިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 188 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. ހަމައެއާއެކު ހުޅުމާލެ ހޮސްޕިޓަލުގައި 36 މީހަކަށް އަންނަނީ ފަރުވާ ދެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ހޮސްޕިޓަލުގައި ދެ މީހަކާއި، ބ. އޭދަފުށީ ފެސިލިޓީގައި ދެ މީހަކާއި، ށ. ފުނަދޫ ފެސިލިޓީގައި ނުވަ މީހެއްގެ އިތުރުން ލ. ގަން ފެސިލިޓީގައި 10 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް މާރިޔާ ސަޢީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ވަކިން ވީއައިޕީންނަށް ނޫން ކަމަށެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ފަރުވާދެނީ ބަލީގެ ހާލަތު ބޮޑުވެފައިވާ ފަރާތްތަކަށް ކަމުގައި އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި އައިސީޔޫ އެނދުތައް ބޭނުންކުރަން ފަށާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި އެނދުތައް ފުރުމުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދާ މީހުން ބައިތިއްބަން ބޭނުންކުރާ 16 ވަނަ އަދި 17 ވަނަ ފަންގިފިލާއަކީ ހިލޭ މީހުން ބައިތިއްބާ ތަންތަން ނޫން ކަމަށެވެ. އަދި އެތަނުގައި ބަލިމީހުން ތިބެނީ އެތަނުގެ ކޮޓަރިތަކަށް އަގު ދައްކައިގެން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައިވެސް ފަރުވާދެއްވަން ތިއްބަވަނީވެސް އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން ކަމަށާއި، ދެ ތަނުގައި ބަލިމީހުން ތިއްބަސް ފަރުވާދެނީ އެއް ބައެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.