ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާދެމުންދަނިކޮށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު މަޖިލީހުގައި ދިފާއުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު، އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން ވަޑައިގަތުމުން އިތުރު ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވަނީ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެ އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން ސުވާލުކުރައްވާފަ އެވެ.

ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އެ ރޭ އޭނާ ވާހަކަ ދެއްކެވީ އޭޑީކޭގެ ޑޮކްޓަރުންނާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތަށް ބަލައިގެން ކަމަށެވެ.

އަދި މިހާރު ފެންނަ މަންޒަރުން ވެސް އޭރު އެ ވިދާޅުވި ބަހަކީ ތެދެއްކަން ފެންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާނުގެ ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެކަމަނާ ވިދާޅުވީ އެ ހަމަލާއަށްފަހު ފާއިތުވި 20 ގަޑިއިރުގެ ތެރޭގައި އާއިލާއިން އަދި ޑޮކްޓަރުން ވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވާނެ ކަމުގައި ގަބޫލުނުކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި މިނިސްޓަރުގެ އެ ވާހަކަފުޅަކީ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ދިން މައުލޫމާތަށް ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށް ވެސް އިވާ ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ސެކްޓޭރިއަޓްގެ ބޭފުޅަކާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

"އިއްޒަތްތެރި ވަޒީރު އަޅުގަނޑު ކުޑަކޮށް ކަންބޮޑުވެއްޖެ. އަޅުގަނޑަކަށް ހިއެއްނުވޭ ޑޮކްޓަރަކު ވެސް އާއިލާއިން ވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަކަށް އެންމެ ފަހަރަކު ވެސް އެވީ 20 ގަޑިއިރުގެ ތެރޭގައި ވިދާޅުވެފައި އޮންނާނެހެނެއް،" އީވާ ވިދާޅުވި އެވެ.

މި ސަރުކާރު ކޯލިޝަން އެކުލަވައިލުމުގެ ކުރިން ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނަކީ އިސްލާމްދީނުގެ އަދުއްވެއްގެ ގޮތުގައި އެންމެ ގިނައިން ސިފަކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ކަން ފާހަގަކުރެވެެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯތަކެއް. މި ހަމަލާއަށްފަހު އެ މަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން.

މޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާ ދިނުމުގެ ގޮތުން 16 ގަޑިއިރުގެ ސާޖަރީ ހަދާފައިވެ އެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ޖަރުމަނުގައި އެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމުތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުންނެވެ.