ވޫހާން (24 މެއި)- ޗައިނާގެ ވޫހާން އިނސްޓިޓިއުޓް އޮފް ވިރޮލޮޖީގެ ތިން ސައިންސްވެރިން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިއްހީ ފަރުވާ ހޯދިކަން ހާމަވެއްޖެ އެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ އިނިސްޓިޓިއުޓްގައި މަސައްކަތް ކުރަމުން އަންނަ ތިން މުވައްޒަފަކު ވަނީ މުޅި ދުނިޔޭގައި އާއްމުކޮށް ކޮވިޑް-19 ފެތުރުމުގެ އެއްމަސް ކުރިން ބަލިވެ އުޅެ، އެ ކަމަށް ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ.
އެއާއެކު ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓަރީތަކުން އުފެއްދި ބަލިމަޑުކަމެއް ކަމަށް ކުރެވޭ ތުހުމަތުތަކަށް ވަނީ އިތުރު ބާރެއް ލިބިފަ އެވެ.
މިކަމާގުޅޭ އިތުރު ތަހުގީގުތައް ކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ކަމަށްވާ ޒައޯ ލިޖިއަން ވަނީ ވޫހާންގެ ސައިންސްވެރިންތަކެއް ވައިރަސް ފެތުރުމުގެ ކުރިން ބަލިވެ އުޅުނު ކަމަށް ފެތުރޭ ވާހަކަތައް ދޮގުކޮށް، އެއީ ޗައިނާ ބަދުނާމުކުރަން އެމެރިކާއިން ގެންގުޅޭ އުކުޅެއް ކަމަށް ވިދާޅުވެފަ އެވެ.
މިކަމާބެހޭ ގޮތުން ސުވާލު ކުރުމުން ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ އެ ޖަމިއްޔާގެ ޓެކްނިކަލް ޓީމެއް އެ މައްސަލާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ކޮމެންޓެއްކުރުމުގެ ކުރިން ކުރަން ޖެހޭ ބައިވަރު ތަހުގީގުތައް އެބަހުރި ކަމަށެވެ.
މި ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާއިން ވަނީ ކޮރޯނާ ވައިރަސްއަކީ ޗައިނާގެ ލެބޯޓަރީއަކުން ނެރުނު ވައިރަހެއް ކަމަށް ތަކުރާރުކޮށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް މި ތުހުމަތުތަކަށް ޗައިނާގެ ސައިންސްވެރިން ދެކޮޅު ހަދަ އެވެ.
ކޮވިޑް-19 ގެ ފުރަތަމަ ކޭސް ދުނިޔޭގެ ފެންވަރުގައި ރެކޯޑް ކުރެވިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން އިންނެވެ. -- ރޮއިޓާސް
އެއްވެސް މީހަކު ލިޔާހާވާހަކައަކީ ތެދެއް ކަމަށް ބަލައިގެން އުޅުނަސް އެކަން ހަޤީގަތަކަށް ނުވާނެ. އިންސާނުންނަށް ބައްޔެއް ނުއުފެއްފޭނެ ﷲގެ އެއްކައުވަންޔަކަން ސާބިތުކަމާއެކު ގަބޫލުކުރާމީހަކު އިންސާނުންނަށް ބަލި އުފެއްދޭނެކަމަށް ގަބޫލެއްނުކުރާނެ ބަލިއުފައްދަވަނީﷲ ބަލިނެތިކުރައްވަނީވެސްﷲ