ރާއްޖެއިން އޯޑަރު ކޮށްފައިވާ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލިބޭނޭ ދުވަހެއް ނޭނގޭތީ ރަޝިޔާއިން އުފައްދާފައިވާ "ސްޕުޓްނިކް ވީ"ވެކްސިންގެ ޝިޕްމަންޓެއް ގެންނަން ނިންމާފައިވާކަން ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އެގްރިމަންޓްގައި ސޮއިކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްޕަޓްނިކް ވީ ވެކްސިންގެ ޝިޕްމަންޓް ރަޝިޔާއިން ރާއްޖެ ފޮނުވާނެ ކަމަށެވެ. އަދި މިހާރު އެގްރިމަންޓާ މެދު އެޓާނީ ޖެނެރަލް (އޭޖީ) އޮފިހުގެ ލަފަޔަކަށް ފޮނުވާފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ވަރަށް ގިނަ ގައުމުތަކާ ވެކްސިން ހޯދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މުޅި ދުނިޔޭގައި ވެސް ވެކްސިންގެ ޝޯޓޭޖެއް އޮތުމުން އުނދަަގޫތަކެއް ހުންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކާއި ވެކްސިން ހޯދުމާ ބެހޭގޮތުން މަޝްވަރާތަށް ކުރި ކަމަށެވެ. ނަމަވެސް އެ ގައުމުތަކުން ނިންމާފައި ވަނީ ވޮލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމުން ކަމަށެވެ.

ކޮވިޑު މެނޭޖުކުރުމަށް މަސައްކަތް ކުރަމުންދާ އެޗްއީއޯސީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެފައި ވަނީ، ސިންގަޕޫރުން ގެންނަން ފައިސާ ދައްކާފައިވާ އެސްޓްރާޒެނެކާ ވެކްސިނާ ގުޅޭ މައުލޫމާތު ދޭން ދެކޮޅު ހަދައިފަ އެވެ.

މިރޭ އެސްޓްރާޒެނެކާ ވެކްސިނާ ގުޅޭގޮތުން ސުވާލު ކުރުމުން ނަސީމް ވިދާޅުވީ، އަންނަ ޖޫން މަހުގެ ކޮންމެ ވެސް ހިސާބެއްގައި އެ ވެކްސިން ލިބޭނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ނަސީމް ވިދާޅުވެފައި ވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އެ ވެކްސިން ލިބޭނެ ކަމަށެވެ.