ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު އަލުން އިއުލާންކޮށްފި އެވެ.

މިއަދު އާ ލިސްޓެއް އާއްމު ކުރީ، ކުރީގެ ސަރުކާރުން ފްލެޓުގެ ދިން ގޮތް ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިއުލާންކޮށްފައިވާ ފްލެޓް ލިސްޓްއަލުން އިއުލާން މި ކުރީ، ޝަރުތު ހަމަނުވާ މީހުން އުނިކޮށްފަ އެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ހައުސިން ކޮމިޓީން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފްލެޓް ކޮމެޓީން އަލުން ބެލުމަށް ފަހު މިއަދު އިއުލާންކޮށްފައިވަނީ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓެކެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މިއަދު އިއުލާން ކުރި ވަގުތީ ލިސްޓުތަކަކީ:

  • ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ
  • އެޗް4 ޓީޗަރުންނަށް ހާއްސަ
  • އެޗް5 މާލޭ ރަށްވެހިންނަށް ހާއްސަ
  • އެޗް8 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ 10 އެޗް. މިއަދު އިއުލާންކުރި ވަގުތީ ލިސްޓްގައި، ފްލެޓް ލިބޭ މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދުގެ ތަފްސީލް ވަނީ ހިމަނާފަ އެވެ. ފްލެޓް ލިބެން ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބުމުންނެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަލުން ފްލެޓް ދިންއިރު މާލެ މީހުންގެ ކެޓަގަރީން ކުރިން 1،000 ފްލެޓް ދޭން އޮތް ނަމަވެސް މިހާރު ވަނީ އެ ކެޓަރީގައި 1،772 ފްލެޓް ހިމަނައިފަ އެވެ. އެއީ މާލޭގެ ރަށްވެހިންގެ ތެރެއިން ދިރިއުޅުމަށް ރާއްޖޭގެ އެެހެން އެއްވެސް ތަނަކުން ގޯތި ލިބެން ނެތް މީހުން ކަމަށް ވާތީ އެވެ. އަދި މާލޭގައި ތިބި އެފަދަ މީހުންނަށް ގޯތި ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.