ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ނިއުޔޯކުގައި ހުންނަވައިގެން އދ. ގެ އާންމު ބައްދަލުވުމުގެ ރިޔާސަތަށް ކެމްޕޭން ކުރައްވަމުން ގެންދާވާތީ އިދިކޮޅުން ފާޑުކިޔައިފި އެވެ.
ހުޅުމާލޭގައި ހުންނަ ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ މަރުކަޒުގައި ހުރި މައްސަލައެއްނަމަ ދެނެގަނެ ހައްލުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ކޮވިޑް ހާލަތު ސަރުކާރުގެ އަތްދަށުން ދޫވެފައިވާ ދަނޑިވަޅެއްގައި ވަކިކަމެއް ހާސިލުކުރުމަށް ނިއުޔޯކުގައި ހުރެގެން ކެމްޕޭން ކުރަން ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިދަނޑިވަޅުގައި ރާއްޖެއަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓަރު މަސައްކަތް ކުރުން މާ ރަގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރުގެ ނަން ނުގަތުމާ ގުޅޭ ގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޝާހިދުގެ އަމަލުތަކާ މެދުގައި ރައީސް ސޯލިހު ހިތްހަމަނުޖެހޭކަން ވަރަށް ރަނގަޅަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
"ރައީސް ވަރަށް ބޮޑަށް އަސަރު ކުރައްވާފައި ހުންނެވުމުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ޝާހިދުގެ ނަން ވިދާޅުނުވީ،" އޭނާ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކެބިނެޓުގެ ވަޒީރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރާ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުކުރައްވަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، ވަކިވަކިން އެކި ވުޒާރާތަކުގެ ނަން ވިދާޅުވިއިރު އަބްދުﷲ ޝާހިދުގެ ނަން ވިދާޅުނުވުމުން އެކަން ވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ސޯލިހު ހާރިޖީ ވަޒީރުގެ ނަން ރޭ ވިދާޅުނުވީ ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް މިހާރު ވެސް އެކި ގައުމުތަކާއެކު ވެކްސިން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ސޯލިހު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.