ހުޅުމާލެ ކޮވިޑް ބައްޔަ ފަރުވާ ކުރުމަށްޓަކައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަވެސް ރަނގަޅަށް ނުލިބޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފި އެވެ.

ހުޅުމާލެ ފެސިލިޓީގެ ހާލަތު ބެލުމަށްޓަކައި އެޗްއާރުސީއެމްއިން ވަނީ މޭ މަހުގެ 25 ވަނަ ދުވަހު ޒިޔާރަތްކޮށްފަ އެވެ.

އެ ޒިޔާރަތް ކުރުމަށް ފަހު އެތަނުގެ ހާލަތާ ބެހޭ ގޮތުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިވާ މުވައްޒަފުން 12 ގަޑިއިރު މަސައްކަތްކުރާ ކަމަށެވެ. އަދި އެ މުވައްޒަފުން އެތަނުގައި 12 ގަޑިއިރު މަސައްކަތްކުރާއިރު، އެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއްވެސް އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށް އެރިޕޯޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފާހަގަ ކުރެވިފައިވާ މައްސަލަތައް އެކޮމިޝަނުގައި ރަޖިސްޓްރީކޮށްގެން ބަލަމުން އަންނަ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އެ ފެސިލިޓިގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑެތި ނަފުސާނީ ކަންކަން ތަހައްމަލުކުރަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފަރާތްތަކަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖައްސާފައިނުވާކަން ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ އެހީތެރިކަމެއް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ބާރުއަޅާފައިވެ އެވެ.

ކޮމިޝަނުން ފެސިލިޓީއަށް ޒިޔާރަތްކޮށްފައި ވަނީ އެ ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް ގިނަ ބަޔަކު ފާހަގަ ކުރަމުންދާ ވަގުތެއްގަ އެވެ. އެގޮތުން ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ހުޅުމާލެ ފެސިލިޓީގަ އެވެ. އެތަނުން ފަރުވާ ހޯދި އެތައް ބަޔަކު ވަނީ އެތަނުގައި ހުރި މައްސަލަތައް މީޑިއާގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.