ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ މިއަދު ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މި ދެ މައްސަލައާ ގުޅޭ އަޑުއެހުން މީގެ ކުރިން ތާވަލްކޮށްފައި ވަނީ މިއަދު ހެނދުނު 9:30 އަށެވެ. މިއަދު އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވީ ނަމަވެސް، އެމަނިކުފާނަކީ ހައި ރިސްކް ބޭފުޅެއް ކަމުން ކޮވިޑްގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ވަނީ ޝަރީއަތުގެ އަޑު އެހުން ލަސްކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނިގޮތުގައި ކުރީގެ ރައީސް ޔާމީންގެ ފަރާތުން އަޑުއެހުން ކެންސަލްކުރުމަށް އެދިފައިވާތީ އަދި، ކޮވިޑްގެ ހާލަތުގައި އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ އިރުޝާދަށް ވެސް ރިއާޔަތްކޮށް، މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެކުލަވާލައިފައިވާ އިރުޝާދުގައި ވަނީ ހައި ރިސްކް މީހުން ކޯޓަށް ހާޒިރު ނުކުރުމަށެވެ.

މިހާރުވެސް މަނީ ލޯންޑަރިންގެ ކުށެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން ގެއަށް ބަދަލުކޮށްފައިވަނީ ޖަލުގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ނެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އާ ދެ ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

އެއީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ދޫކުރުމާ ގުޅިގެންނެވެ. ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން، ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ވެސް ޕީޖީއަށް ފުލުހުން މިދިޔަ މަހު ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މި ހުރިހާ ދައުވާއަކަށް ވެސް އެމަނިކުފާނު އިންކާރު ކުރައްވާފައިވާއިރު އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އެމަނިކުފާނުގެ މައުސޫމްކަން ހާމަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ގެންދަވަނި ވިދާޅުވަމުންނެވެ.