އެމްޕީއާރުސީގެ ކޮރަޕްޝަންގެ އެއްވެސް ފައިސާ ނުހޯދާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެންމެ އިސް ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އެ ޚިޔާނާތުގެ ފައިސާ ނުލިބޭ އެއްވެސް ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީން ކުރި ޓުވިޓްތަކެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ހޯދިކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއްގެ މަންފާއެއް މި ޕާޓީން ހޯދާފައި ނުވާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ކުރީގެ ނައިބު ރައީސް ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ދެއްކީ ވެސް މި ޕާޓީން. އަދާލަތު ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަމުން އައި ޚިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑުހަރުކޮށް ދެއްކި ޕާޓީ،" އެ ޕާޓީން ބުންޏެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ ޕާޓީން ދަނީ އެމްޕީއާރުސީސީގެ ޚިޔާނާތާ ގުޅޭ ތަހުގީގު އަވަސްކޮށް، އެކަމުގައި ޝާމިލްވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.