ވެރިރަށް މާލޭ ސިޓިގެ މީހުނަށް ހާއްސަކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައި ވިޔަސް އެ ނިންމުން އަނބުރާ ގެންގޮސް ފްލެޓުތަކަށް ކުރިމަތިލުން ފަސްކޮށްފި އެެވެ.
ފްލެޓުތަކަށް ކުރިމަތިލުން ފަސްކުރީ މާލޭގައި ކޮވިޑު-19 ފެތުރެމުންދާތީ އެވެ. ރައީސް އޮފީހުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީެފައި ވަނީ، މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުން ޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް މިނިސްޓްރީން ހެދި "ހައުސިން ނީޑް އެސެސްމަންޓް" އިން ދައްކާ ކަމަށެވެ. އެއީ 600 އަކަފޫޓު ނުވަތަ އެ އަދަދު ވެސް ހަމަ ނުވާ ވަރުގެ ތަންތަނުގައި އުޅޭ މީހުން ކަމަށާއި ފްލެޓު ދިނުމުގައި އެ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ.
އެހެންކަމުން އެ އާއިލާތަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އެ ފްލެޓްތަކަށް ކުރިމަތިލާން މި މޭ މަހު ހުޅުވާލާނެ ކަމަށް އަސްލަމް އޭރު ވިދާޅުވި އެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އޮންލައން ނޫހަކަށް މިއަދު ވިދާޅުވީ، މިނިސްޓަރު އަސްލަމް މީގެ ކުރިން ވިދާޅުވި ގޮތަށްއެ މަޝްރޫއަށް ކުރިމަތިލާން މި މަހު ހުޅުވައި ނުލެވުނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި އެވެ.
އަކްރަމް ވިދާޅުވީ، މިއަދަކީ މި މަހުގެ އެންމެ ފަހު ދުވަސް ކަމަށް ވާއިރު، ހައުސިން މަޝްރޫއަށް ކުރިމަތިލުމަށް މި މަހު ހުޅުވައިލާނެ ކަމަށް މިނިސްޓަރު ކުރިން އިއުލާން ކުރެއްވީ އޭރު ބެލި ބެލުމުން، ފްލެޓް އެޅުމަށް ހަވާލުކުރި ދެ ކުންފުންޏެއްގެ މަސައްކަތް ވެސް ފެށޭނެތީ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑާ ގުޅިގެން އެ މަސައްކަތް މި މަހު ނުފެށުނު ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ދެ ކުންފުނީގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ، އެޕޯލޯއާ ހަވާލު ކޮށްފައިވާ 1،000 ހައުސިން ޔުނިޓް މަސައްކަތް ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެކަމަކު
އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތް ލަސްވަމުން ދަނީ ކޮވިޑުގެ ސަަބަބުން ކަމަށެވެ. އިންޑިއާ ކުންފުނީގެ މަސައްކަތް ލަސްވި ނަމަވެސް އަންނަ މަހު މަސައްކަތް ފެށޭނެ އެވެ.
މިސަރުކާރަކުން ފްލެޓެއް ނޭޅޭނެ. އަޅާފައިވާ ފްލެޓްތަކެއް 2 އަހަރުތެރޭ ހަވާލުނުކުރެވުނު ބަޔަކަށް އެޅޭނެ ފްލެޓެއް ނޯންނާނެ. މިބޭނުންތަކަށް ނެގި ލޯންތައް ކޮޅުގޮހޮރަށް ދިރުވާލައިފި