ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެން ބައެއް ފައިސާ ސިޔާސީ ޕާޓީތަކަށް ދެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެން ސިޔާސީ ބައެއް ޕާޓީތަކުން އެ ޕާޓީއެއްގެ ދިފާއުގައި ނުކުމެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ކުށުގެ ހަތް ދައުވާއަށް އިއުތިރާފް ވަމުން އަދީބު ވިދާޅުވެފައިވަނީ ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށެވެ. އެކަމަކު، އަދީބުގެ ވާހަކައިގައި އެ ފައިސާ ލިބުނީ ކޮން ބައެއް ކަމާއި ސިޔާސީ ޕާޓީތަކުގެ ނަމެއް ވިދާޅެއް ނުވެ އެވެ.
އަދީބުގެ މި އިއުތިރާފާ އެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވަނީ އެ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އަދި އެއްވެސް ޕާޓީއަކަށް އެ ފައިސާ ލިބުނު ކަމަކަށް އެއްބަހެއް ނުވެ އެވެ.
އަދާލަތު ޕާޓީން ބުނީ އެ ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަމުން އައި ހިޔާނާތާ ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކި ޕާޓީ ކަމަށެވެ. އަދީބު އޭރު ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ދެއްކީ ވެސް އަދާލަތުން ކަމަށް އެ ޕާޓީން ބުންޏެވެ.
މި ހިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތު ކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް އަދާލަތު ޕާޓީން ހޯދާފައި ނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެހާ މީހުންނާއި ހިންގާފައިވާ އެންމެހައި މުއާމަލާތްތަކުގެ ތަފްސީލް ކަމާ ގުޅުން ހުރި މުއައްސަސާތަކުން ލަސްނުކޮށް ހާމަ ކުރުމަށް ވެސް ގޮވާލައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމާއި ބަދުނާމް އެޅޭކަށް އެ ޕާޓީން ބޭނުން ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އިން ބައިކުޅަ ބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި އެ ނޫން ވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށް ވިދާޅުވި އެވެ.
އަދީބުގެ ވާހަކަ އަށް އިޝާރާތް ކޮށް ހިޔާނާތުގެ ފައިސާ ޖުމްހޫރީ ޕާޓީއަށް ވެސް ލިބުނު ކަމަށް ނޫހަކުން ރިޕޯޓްކުރުމުން، އެ ޕާޓީން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީއާ އަދީބާ ދެމެދު އެއްވެސް އިރެއްގަައި ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށެވެ. ޖޭޕީގެ ކަންކަން ތަރުތީބު ކުރެވި ހިންގާފައި މިހާތަނަށް ވާނީ ދައުލަތުގެ މާލިއްޔަތާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހެދިފައިވާ ގަވާއިދުތަކުގެ އިމުގެ ތެރޭގައި ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
"ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިޔަސް ޖޭޕީއާއި އަދީބަކާ އެއްވެސް އިރަކު ގުޅުމެއް ނޯންނާާނެ،" ޖޭޕީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވާ އަލީ ސޯލިހް ވިދާޅުވި އެވެ.