މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ހުޅުވާލާ 60،000 މީހުންގެ ޖާގައިން ރާއްޖެއަށް ފުރުސަތު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު އޮންލައިިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ހައްޖަށް ދާން މިފަހަރު ހުޅުވާލަނީ 60،000 ފުރުސަތުކަން ނުރަސްމީކޮށް އެނގިފައި ވިޔަސް އެކަމާ ގުޅޭ ގޮތުން ސައުދީން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ސައުދީން މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށްގެންދިޔައީ ހަމައެކަނި އެ ގައުމުގައި ތިބި މީހުންނަށް ބައިވެރިވެވޭ ގޮތަށް އުސޫލެއް ހަމަޖައްސައިގެންނެވެ. މިދިޔަ އަހަރުގެ އަޅުކަމުގައި ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވި އެވެ. މި އަހަރު އަދި އެފަދަ އުސޫލެއް ހަމައެއް ނުޖައްސަ އެވެ.

އަދި އެފަދަ އުސޫލެއް ހަމަޖައްސާފައި ނުވިި ނަމަވެސް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ، ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި އުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ގޮތަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި އެ ބަލިން ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށެވެ.

އެ މީޑިއާ ރިޕޯޓުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މީގެ ކުރިން ވިދާޅުވެފައި ވަނީ ހައްޖުގެ އަޅުކަމަށް ސައުދީން މި އަހަރު އަމަލުކުރާނެ މިންގަނޑެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކުރީގެ އަހަރުތަކުގައި އެ ގައުމުގެ ހައްޖު މިނިސްޓްރީން ގައިޑްލައިންތަކާއި އެއްބަސްވުންތައް ވެސް މި ހިސާބަށް އަންނައިރު ފޮނުވާ ކަމަށާއި އެކަމަކު މި ފަހަރު އަދި އެ ލިޔެކިޔުންތައް ނުލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަމަށް މިހާ ކުޑަތަންވެފައި ވިޔަސް ފުރުސަތު ލިބިއްޖެ ނަމަ ސަރުކާރުގެ ވިސްނުމަކީ މީހުން ފޮނުވުމެވެ.