ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ދީނަށް ފުށު އަރާ ކަމެއް ހިމެނޭތޯ ބެލުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިސްލާމީ ފަތުވާދޭ ކޮމިޓީއަށް އަންގައިފި އެވެ.

ސަރުކާރުގެ ފަރާތުން ހިސާން ފޮނުވި އެ ބިލާ ގުޅިގެން، އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން މިނިސްޓަރު ޒާހިރު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ބިލުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ނުވަތަ އެހެން އެއްވެސް ގާނޫނަކަށް ފުށު އަރާ ކަމެއް ހިމެނޭތޯ ފަތުވާ މަޖިލީހުން ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ ބިލުގައި ދީނާ ފުށުއަރާ ކަމެއް ހުރިނަމަ އެކަން މަޖިލީހުގެ ބިލު ދިރާސާކުރާ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ފަސް އިލްމުވެރިިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.

ފަތުވާ މަޖިލީހުގެ ރައީސަކީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ދެން ތިއްބަވަނީ ޑރ. މުސާ އަންވަރު، ޝޭހް ހަސަން ތައުފީގް އަދި ޝޭހް އިބްރާހިމް އަހްމަދު އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާ ޝޭހް އިސްހާގު މުހައްމަދުފުޅުއެވެ.