އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިވަގުތު ކަރަންޓީނުގައި ގޭގައި ހުންނެވި ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ ކްރިމިނަލް ކޯޓުގައި ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާނާތުގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި އެ ކަމުގެ މަންފާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބުނު ކަމަށެވެ. ނަމަވެސް ކުރީގެ ރައީސުންގެ ތެރެއިން އެ ފައިސާ ލިބުނީ ކޮން ބޭފުޅުންނަށް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

އަދީބު އެހެން ވިދާޅުވުމާއެކު ހިޔާނާތުގެ ފައިސާ ލިބިފައި ނުވާ ކަމަށް އަދާލަތު ޕާޓީން ވެސް މިއަދު ވަނީ ބުނެފަ އެވެ.