ނިއުދިއްލީ (02 ޖޫން) - އިންޑިއާއަކީ ޒަމާނުއްސުރެ އޭޝިއާގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެކެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމުގައި އިންޑިއާގެ ނުފޫޒަކީ އެހެން ގައުމުތަކަށް ވުރެ ބޮޑު ނުފޫޒެކެވެ.
ނަމަވެސް ކޮވިޑް-19ގެ ހާލަތާއެކު މުޅި އޭޝިޔާ ބައްރުގައި އިންޑިއާގެ ހައިސިއްޔަތު ގެއްލޭކަމުގެ ބިރު މި ވަނީ ހީވެފަ އެވެ. ކޮވިޑް-19 ގައި އިންޑިއާގެ ހާލަތު ގޯސްވެ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ވެސް އެ ގައުމުގެ ނުފޫޒު އަންނަނީ ކުޑަވަމުންނެވެ.
މި އަހަރު ފެށިގެން އައިއިރު އިންޑިއާއަކީ މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން އެކްސްޕޯޓްކުރާ ގައުމެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ހިލޭ ވެކަސިން ފޯރުކޮށްދޭ އެއް ގައުމަށް އިންޑިއާ އޭރުވި އެވެ.
ނަމަވެސް އެ ގައުމުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު ވެކްސިން އެކްސްޕޯޓްކުރުން ހުއްޓާލައި އެތެރޭގެ ބޭނުންތަކަށް ވެކްސިން ބޭނުން ކުރަން ފެށި އެވެ. އެ ވަރުން ނުވެގެން އިންޑިއާއިން ދެން ފެށީ އެހެން ގައުމުތަކުން ވެކްސިން އިމްޕޯޓް ކުރާށެވެ.
މިއާއެކު ދުނިޔޭގެ އެކި ގައުމުތަކުން ވެކްސިން ހޯދުމަށް ޗައިނާގެ އެހީއަށް އެދެން ފެށި އެވެ. ވެކްސިންގެ ވިޔަފާރީގައި އިންޑިއާއަށް އޮތް ބާރު މަޑުމަޑުން ދޫވަމުން ގޮސް ޗައިނާއަށް ލިބެންފެށި އެވެ.
މިއީ ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި ނަންވެފައިވާ އިންޑިއާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. ހަމަ އެއާއެކު މިއީ ޗައިނާގެ ސިޔާސަތުގެ ދަށުން ސަރަހައްދީ އަދި ބައިނަލް އަގުވާމީ ބާރު ހޯދުމަށް ކުރާ މަސައްކަތެއް ކަމުގައި ވެސް އެ ފަރާތްތަކުން ބުނެ އެވެ.
މިކަން ކަމަށް ބަލާއިރު ވެންސިންގެ ކަންކަމުގައި އިންޑިއާއިން ގެންގުޅުނު ސިޔާސަތުތައް ބޮއްސުންލައި އެ ގައުމުގެ ބާރު ދުނިޔޭގައި ކުޑަވަމުންދާ ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. --ދަ ސްޓްރެއިޓް ޓައިމްސް