މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،628 ސާމްޕަލް އިން ޕޮޒިޓިވްވީ 31 ދިވެހިންނާއި 32 ބިދޭސީން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 63 މީހުންނެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 51 މީހެކެވެ. ބާކީ 12 މީހުން ޕޮޒިޓިވްވީ އެހެން ސަރަހައްދުތަކުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 10،354 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 9،187 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި، ކޮވިޑް19 ގެ 1،126 މީހަކު ތިބި އިރު، 573 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 79 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ފަރުވާދޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.