ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ރައީސް އޮފީހުން މިއަދު އިތުރުކޮށްފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ، ބޮޑު ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ބަލައިގަންނާނީ ހަމަޖެހިފައި މި މަހުުގެ 15 އަދި 16 ވަނަ ދުވަހު ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
އެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަށް ވެސް ރައީސް އޮފީހުން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން މަގާމަށް ކުރިމަތިލާ މީހަކީ ދިވެހި ރައްޔިތަކަށްވާން ޖެހޭނެ އެވެ، އަދި އެމީހަކީ މުސްލިމަކަށް ވެސް ވާން ޖެހޭނެ އެެވެ. އަދި އުމުރުން 35 އަހަރު އެމީހަކަށް ފުރިފައި ހުންނަން ޖެހޭއިރު އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
މީގެ އިތުރުން އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭއިރު ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް އޮޑިޓާ ޖެނެރަލް މަގާމަށް ކުރިމަތިލާ މީހަކު ވެގެން ނުވާނެ އެެވެ.
އަދި މަގާމަށް ކުރިމަތިލާ މީހަކީ ތައުލީމީ ގޮތުން އޮޑިޓާ ޖެނެރަލްގެ މަގާމު އަދާކުރުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭނެ އެވެ. އެގޮތުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމަށް ވާން ޖެހޭނެ އެވެ.