އަންނަ މަހު ޕްރިންސް ހެރީ އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅުގައި މާމަ، ރާނީ އެލިޒަބަތާއެކީ މެންދުރުގެ ކެއުމަކަށް އިންސާފުކުރުމަށް އެކަމަނާ ހެރީއަށް ދައުވަތު ދެއްވައިފި އެވެ.

މިއީ ޕްރިންސް ހެރީއާއި މޭގަން މާކަލް ޝާހީ އާއިލާއާ ވަކިވުމަށްފަހު، އެ ދެބޭފުޅުން މިފަދަ ގޮތަކަށް ބައްދަލު ކުރައްވާނެ ފުރަތަމަ ފަހަރެވެ.

ރާނީގެ މި ދައުވަތު އައިސްފައި ވަނީ ޕްރިންސް ހެރީއާއި މޭގަންއަށް އަންހެން ދަރިއަކު ލިބުނު ދަނޑިވަޅެއްގަ އެވެ. އެ ދެމެފަރިން އެ ދަރިފުޅަށް ލިލިބެޓްގެ ނަން ދީފައި ވަނީ ރާނީއަށް ކުރާ އިހްތިރާމެއްގެ ގޮތުންނެވެ. ލިލިބެޓްއަކީ ރާނީއަށް އެކަމަނާ ތުއްޕުޅުއިރު ނިސްބަތް ކުރި ވަނަމެކެވެ.

މި ދައުވަތަކީ މައްސަލަ ޖެހި ބައިބައިވެފައިވާ އިނގިރޭސި ޝާހީ އާއިލާގެ މެދުގައި ސުލްހަ ގާއިމުކުރުމަށް އޮތް ބޮޑު ފުރުސަތެއް ކަމަށް ޝާހީ އާއިލީގެ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޕްރިންސް ހެރީއާއި ޝާހީ އާއިލާއާ އެންމެ ފަހުން ބައްދަލުވެފައި ވަނީ ފާއިތުވެ ދިޔަ އޭޕްރިލް މަހު ޕްރިންސް ފިލިޕްގެ ޖަނާޒާގަ އެވެ.

މޭގަން އާ ނުލައި ހެރީ އެ ޖަނާޒާގައި ބައިވެރިވެފައިވާއިރު، އެ ދަތުރަކީ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީއާ ދެމެދު ހުރި ނުތަނަވަސްކަން ދުރުވާނެ ދަތުރެއް ކަމަށް ގިނަ ބަޔަކު ވަނީ ހީކޮށްފަ އެވެ.

ނަމަވެސް ޝާހީ އާއިލާގެ މެދުގައި އޮތް ނުތަވަސްކަމަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް މާހިރުން ބުނެ އެވެ.