ވޮޝިންޓަން (08 ޖޫން) - ކޮވިޑް-19 ޕެންޑަމިކްގެ މާ ކުރިން ފެށިގެން ޗައިނާގައި ވަލު ޖަނަވާރުންގެ ޣައިރު ގާނޫނީ ވިޔަފާރިކުރަމުން ދިޔަކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.

ވަލު ޖަނަވާރުންގެ ވަގު ވިޔަފާރި ޗައިނާގެ އެކި ހިސާބުތަކުގައި އާއްމުކޮށް ކުރާއިރު ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ކޮވިޑް -19ގެ އަސްލު ގުޅިފައިވަނީ ވޫހާންގެ ވަލު ޖަނަވާރު ވިއްކާ ބާޒާރަކާ އެވެ.

އެމެރިކާގެ ރައީސް ކޮވިޑްގެ އަސްލު ދެނެގަތުމަށް ކުރެއްވި އަމުރުގެ ދެ ހަފްތާ ތެރޭގައި ނެރުނު މި ދިރާސާ ކުރިން ހޯދިފައިވާ ހޯދުންތަކަށް ތާއީދުކުރެ އެވެ. މީގެ ކުރިން ޑަބްލިއުއެޗްއޯ އިން ހޯދި ހޯދުންތަކެއްގައި ކޮވިޑް -19 އަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހުނު ބައްޔެއް ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާގައި ހިނގާ ވަގު ވިޔަފާރީގައި އެކި ވައްތަރުތަކުގެ މަކުނާއި ވާލާއި ވަލު ކުއްތާ ވެސް ވިއްކަމުން ދިޔަ އެވެ. ނަމަވެސް ކޮވިޑް -19 އަކީ މިފަދަ ވިޔަފާރިތަކުން އުފެދުނު ޕެންޑަމިކެއް ކަމަށް ދުނިޔޭގައި އަޑު ފެތުރުމާއެކު ޗައިނާއިން ވަނީ އެ ގައުމުގައި ވަލު ޖަނަވާރުގެ ވިޔަފާރިކުރުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ އެ އަމުރުގެ ކުރިން އެ ގައުމުގެ އެކި ހިސާބުތަކުގައި ވަލު ޖަނަވާރުންގެ ވިޔަފާރިކުރުމަކީ އާއްމު ކަމެކެވެ. މިފަދަ ޖަނަވާރުތަކަކީ ޗައިނާ މީހުންގެ އާއްމު ކެއިން ބުއިމުގައި ވަރަށް ގިނައިން ހިމެނޭ ބާވަތެކެވެ.

ކޮވިޑް -19ގެ އަސްލާ މެދު ޝައްކުތަކެއް އުފެދި، އެއީ ޗައިނާގެ ބަޔޯ ކެމިކަލް ހަތިޔާރެއްކަމަށް ކުރެވޭ ތުހުމަތުތައް ވަރުގަދަވުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިކަމާގުޅޭ ދެފުށް ފެންނަ މިނިވަން ތަހުގީގެއް ކުރަން އަމުރު ކުރައްވާފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް