އަލަށް އުފަންވާ ކުދިން ހަތް ދުވަސް ތެރޭ ރެޖިސްޓާ ނުކޮށްފި ނަމަ ބޮޑުޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.

ސަރުކާރު ފަރާތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާތާ ހަތް ދުވަސް ތެރޭގައި ކުއްޖާގެ އުފަންވުން ރެޖިސްޓްރީކުރުމަށް ކުއްޖާ އުފަންވި ރަށް ނުވަތަ ސިޓީގެ ކައުންސިލަށް ހުށަހަޅަން ޖެހޭ ކަމަށާއި މިކަން ކުރުމަކީ އެކުއްޖާގެ މައިބަފައިންގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ކުއްޖާ އުފަންވުމުން ރަޖިސްޓްރީކުރުން ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ.

މިބިލާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. އެގޮތުން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޖޫރިމަނާކުރުން ފިޔަވައި މިސަރުކާރުން އިތުރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

އެހެން މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މިސަރުކާރުން އަންނަނީ އަޅާ ކޮންމެ ފިޔަވަޅަކަށާއި ލާ ކޮންމެ ނޭވާއަކަށް ވެސް ޓެކްސް ނަގަމުން ކަމަށެވެ.

މިސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއް ކަމަށާއި އުފަންވާ ކޮންމެ ކުއްޖަކަށް ދޭބުނި ހަދިޔާ ފޮށި ނުދެވުނު އިރު އަބަދުވެސް އުޅެނީ ރައްޔިތުން ފެލުމުގައި ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޔިތުން ހަނާވާއިރު މިސަރުކާރުގެ ވެރިން އަންނަނީ މުއްސަނދި ވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. މިސަރުކާރަށް އާމްދަނީ ލިބޭ ހަމައެކަނި މަގަކީ ރައްޔިތުން ޖޫރިމަނާކޮށްގެން ލިބޭނެ އާމްދަނީ ކަމަށް ވެސް ބުނެފައިވެ އެވެ.