އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކޮށްފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އަދީބު މިއަދާ ހަމައަށް ވެސް ހުންނެވީ މާލެ ޖަލުގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަދީބުގެ ބަލި ހާލަތު ހުރި ގޮތުން ކްރިމިނަލް ކޯޓުގެ ހުއްދައާ އެކު، އަދީބު މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކުރީގެ ސަރުކާރުން ފެށިގެން އަދީބު ޖަލުގައި އެތައް ދުވަހެއް ހޭދަ ކުރެއްވި އިރު، އޭނާ އަށް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެވަޑައިގެންނެވިއެވެ. އަދި އައިޖީއެމްއެޗްގައި އެތައް ދުވަހެއް ވަންދެން ފަރުވާ ހޯއްދެވިއެވެ. ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު، ރާއްޖޭން ބޭރުން ވެސް ފަރުވާ ހޯއްދެވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކުރިއެވެ. އަދި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އަދީބު ވަނީ މި ހަތް ދައުވާ އަށް އިއުތިރާފްވެވަޑައިގެން ފައިސާ ބެއްސެވި ގޮތް ކިޔައި ދެއްވައިފަ އެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހިޔާނާތެއްގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ދައުވާއަކީ، މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ލައިވް ޝަރީއަތުގެ މަޖިލިހުގައި ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް އަދީބު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އެކަމަކު، ޝަރީއަތުގެ މަޖިލިހުގައި ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތަކެއް އަދީބު ވިދާޅެއް ނުވެ އެވެ.

މި ބޮޑު ހިޔާނާތުގެ ތަހުގީގު 2015 ގައި ފެށި ނަމަވެސް ކުރީގެ ސަރުކާރުގައި އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައެއް ނުވެއެވެ. މި ސަރުކާރު އައި ފަހުން، ތަހުގީގު ވަނީ ދިގުލައިފައެވެ. މިހާތަނަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.

ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ހަތް ދައުވާއަށް ވެސް އިއުތިރާފް ވެފައިވަތީ، އަޑުއެހުންތައް ނިންމާލައި އަންނަ ހޯމަ ދުވަހު ހުކުމް ކުރަން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވި އެވެ.