ސިޔާސީ ޕާޓީތަކުގެ ތެރެއިން އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ލީޑާޝިޕް ގުޅުމުގެ ބަދަހިކަމުގެ ނަމޫނާއެއް ފެންނަނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުންގެ ހިޔާލު ތަފާތުވެ އެ ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވައި ވަނިކޮށެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ، އެ ޕާޓީގެ ރައީސް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި ގޮތުގެ އިިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން ފަށައި، އެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމުންމެވެ.

އެކަމާ ގުޅުވައި އާދަމް ޝަރީފު މިއަދު ވިދާޅުވީ، ވިދާޅުވީ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އުއްމީދަކީ ޕީޕީއެމާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކުރުން ކަމަށެވެ.

"އެންމެ ޑިމޮކްރެޓިކް އަދި އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ، ލީޑާޝިޕްގެ ގުޅުން އެންމެ ބަދަހީ ރައީސް ޔާމީންގެ ޒައާމަތުގައި ހިންގަމުންދާ ޕީޕީއެމް ޕީއެންސީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ސަރުކަރާއި މަޖިލީހާއި ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި މިހާރު އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހެން ކައިރިވެފަ އެވެ. އެއީ މަޖިލިސް ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނާއި ރައީސް ސޯލިހުއަށް ތާއިދުކުރާ ފެކްޝަނެވެ. ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ޗެއާޕާސަން ހަސްން ލަތީފު ވެސް ވަނީ ވާހަ ދައްކަވައިފަ އެވެ.

އެގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީ ބައިބައިވާން ދިމާވީ ސަރުކާރުން ތެރެއިން ނަޝީދު އެކަހެރި ކޮށްލުމަށްފަހު ބައެއް ކަންތައް ކުރަމުންދާތީ ކަމަށެވެ.