ރިޔާދް (12 ޖޫން) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ބައިވެރިނުވެވޭނެ ކަމަށް ސައުދީ އަރަބިއާގެ ސަރުކާރުން ބުނެފި އެވެ.
މިއީ އެހެން ގައުމުތަކުގައި އުޅޭ މުސްލިމުންނަށް ހައްޖުގައި ޖެހިޖެހިގެން ބައިވެރި ނުވެވޭ ދެވަނަ އަހަރެވެ. ފާއިތުވެ ދިޔަ އަހަރުގެ ހައްޖުގައި ބައިވެރިވެފައިވަނީ އެ ގައުމުގެ ދިރިއުޅޭ މުސްލިމުންގެ ތެރެއިން 10،000 މުސްލިމުންނެވެ.
ސައޫދީގެ އިދާރާތަކުން ބުނީ މި އަހަރުގެ ހައްޖުގައި އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ވެކްސިން ފުރިހަމަކޮށް، އެއްވެސް ދާއިމީ ބައްޔަކަށް ބޭސް ނުކުރާ 60،000 މުސްލިމުންނަށް ބައިވެރި ވެވޭނެ ކަމަށެވެ.
ހައްޖަށް ދާން އެދުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނަށް ވެސް މި ފުރުސަތު އޮންނާނެ އެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަން ފުރިހަމަކުރި ހައްޖުވެރިންގެ 70 ޕަސެންޓަކީ އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނެވެ.
ކޮވިޑް -19 ޕެންޑަމިކް އާ ހެދި ހައްޖުގެ އަޅުކަން އަދާކުރުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ސައޫދީ ސަރުކާރުން ވަނީ އަޅާފަ އެވެ. އެގޮތުން އެޅި މައިގަނޑު އެއް ފިޔަވަޅަކީ އެއްތަނަކަށް ޖަމާވާ މީހުން މަދުކުރަން މުސްލިމު ގައުމުތަކަށް ދެމުން އައި ކޯޓާ މެދުކަނޑާލުމެވެ.
ކޮވިޑް ޕެންޑަމިކްގެ ކުރިން އެންމެ ފަހުން ބޭއްވި ހައްޖުގައި 2019 ވަނަ އަހަރު 2.5 މިލިއަން މުސްލިމުން ބައިވެރިވެފައިވެ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް