ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ހީލަތްތެރިކަމާއެކު އިސްލާމްދީނާއި ދިވެހި ދައުލަތަކީ ވަކި ދޭއްޗެއް ކަމުގައި ހެދުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ގާނޫނުލް އުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނު ހުށަހަޅާފައިވާ އިސަލާހަކީ ސެކިއުލަރިޒަމް ނުވަތަ ދީނާއި ދައުލަތް ވަކިކުރުމުގެ ވިސްނުމަށް ފުރުސަތު ފަހިވާނެ އިސްލާހެއް ކަމަށެވެ.

މިބިލުގެ ސަބަބުން އިސްލާމްދީނާ ޚިލާފު އަމަލުތައް ރާއްޖޭގައި ހިންގާ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ވެސް މިސްކިތްތަކުގައި ކަންބޮޑުވާން ޖެހޭ ފަދަ ދީނާ ޚިލާފު ކަންކަން ހިނގަމުން އަންނަ ފާހަގަ ކުރެވިފައިވާ ކަމަށާއި މިމައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ އެއް ވައްދާފައިވާނެ ކަމަށް އަދާމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއަށް ދިނީ ހަރުކަށި މީހުން ކަމަށް ސަރުކާރުގެ މުއަސަސާތަކުން ބުނަމުން ގެންދާއިރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަކީ ހާލަތު އިތުރަށް ގޯސްކުރާނެ ބިލެއް ކަމަށެވެ.

އަދި މި އިސްލާހުގެ ސަބަބުން ޒުވާނުން އިސްލާމްދީނަށް އަހުލުވެރިކޮށް ޒުވާނުން ތަރުބިއްޔަތުކުރުމުގައި ވަރަށް ބޮޑެތި ހުރަސްތަކެއް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވެސް މި އިސްލާހުގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިދިކޮޅުންވެސް އެއްވެސް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނެގެންނުވާނެ ކަމަށެވެ. ނަމަވެސް މައްސަލަތަކާ ގުޅިފައިވާ އެތައް ސަބަބެއް ހުރި ނަމަވެސް، ސަރުކާރުން އެކަމުގައި އަމަލުކުރަނީ ހަމަޖެހޭ ރަނގަޅު ގޮތަކަށް ނޫން ކަމަށެވެ. އަދި ސަރުކާރުން ޓެރަރިޒަމާ ކުރިމަތިލުމުގެ ނަމުގައި ގޮންޖަހައި ހެދުމަކީ އެކަމުގެ ސަބަބުން ނުރައްކާވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.