ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެގްރިމަންޓްގައި ޖުލައި 14 ގައި ސޮއިކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލާދީ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ފްލެޓްތަކުގެ އެގްރިމަންޓްގައި ސޮއިކުރުން 30 ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެގްރިމަންޓްގައި ސޮއިކޮށް ނިމެންވާއިރަށް ހިޔާ ފްލެޓްތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އަށް މިދިޔަ ހަފުތާގައި ވިދާޅުވީ އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަން މިމަހު ފަހުކޮޅު ފަށާނެ ކަމަށެވެ.

"އެގްރިމަންޓްގައި ސޮއިކުރުން ލަސްވީ ހިޔާ ފްލެޓަށް ބޭނުންވާ ކަރަންޓްގެ ކަންތައް ނުނިމޭތީ. އެކަމަކު މިމަހުގެ ނިޔަލަށް އެކަންތައް ނިމޭނެ ކަމަށް ސްޓެލްކޯ އިން އަންގާފައިވޭ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ އެގްރިމަންޓް ސޮއިކުރުން ލަސްވަމުންދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.