ރާއްޖެއަށް ވައިގެ ދަތުރުފަތުރު ތައާރަފުވީ 1970ގެ އަހަރުތަކުގައި ޓޫރިޒަމް ފެށުނު ހިސާބުންނެވެ. އެ ދުވަސްވަރު ރާއްޖޭގެ ގައުމީ ދިފާއީ ބާރު، ނެޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް) އިން ވެސް ވަނީ ސްރީލަންކާގެ އަސްކަރިއްޔާގެ އެހީއާއެކު އެންއެސްއެސްގެ ނަން ޖަހައިގެން ބައެއް ވައިގެ އުޅަނދުތައް އޮޕަރޭޓްކޮށްފަ އެވެ.

އެ ދުވަސްވަރު އެންއެސްއެސްގެ ބެލުމުގެ ދަށުގައި ހުރި ވައިގެ އުޅަނދުތަކުގެ ތެރޭގައި ޕައިޕާ ސެނެކާގެ ދެ އެއާކްރާފްޓާއި އެއް ޕައިޕާ ޗެރޯކީ 180ގެ އިތުރުން ސެސްނާ 172 އަދި ބެލް47 ޖޭ2 ގެ ހެލިކޮޕްޓަރެއް ހިމެނެ އެވެ.

އެ ދުވަސްވަރަކީ ރާއްޖޭގައި އެއާކްރާފްޓް އިންޖީނިއަރުންނާއި ޕައިލެޓުން މަދު ދުވަސްވަރެއްކަމުން މި ހުރިހާ އުޅަނދެއް ވެސް އޮޕަރޭޓުކޮށް ބަލަހައްޓަމުން އައީ ސްރީލަންކާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓުންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެންއެސްއެސްއިން އައީ ދިވެހި ސިފައިންނަށް ޕައިލެޓް ޓްރެއިނިން ހެދުމުގެ ފުރުސަތު ދެމުންނެވެ.

އެންއެސްއެސްގެ އެއާކްރާފްޓައް ކައިރީގައި ރައީސް މައުމޫން ހަރަކާތްތެރިވެ ވަޑައިގަންނަވަނީ

މި އެއާކްރާފްޓްތަކުން މައިގަނޑު ގޮތެއްގައި ކުރަމުން އައީ ވީއައިޕީ ދަތުރުތަކާއި ސާޗް އެންޑް ރެސްކިއު ދަތުރުތަކެވެ.

މިއަދުގެ ހާލަތަށް ބަލާއިރު އެމްއެންޑީއެފް އިން ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އޮޕަރޭޓް ކުރަނީ ޑޯނިއާ ޑޯ 228 މޮޑެލްގެ ހެލިކޮޕްޓްރެކެވެ. އެންއެސްއެސް އިން ހިންގި ޕައިލެޓް ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވި ޕައިލެޓުން މިއަދު ވެސް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތްކުރި ނަމަވެސް އެމްއެންޑީއެފް އެއާ ވިންގްގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގައި ހަރަކާތްރި ވަނީ އިންޑިއާގެ އަސްކަރިއްޔާ އެވެ.

އެންއެސްއެސްގެ އެއާ ފްލީޓް

ޕައިޕާ ޕީއޭ-34 ސެނެކާ

ޕައިޕާ ޕީއޭ-34 ސެނެކާ

ދެއިންޖީނު އެޅި ޕައިޕާ ޕީއޭ-34 ސެނެކާ އެއާކްރާފްޓަކީ ހަ މީހުންގެ ޖާގައިގެ އެއާކްރާފްޓެކެވެ. މި އުޅަނދަކީ 25000 ފޫޓު އުސްމިނުގައި ގަޑިއަކު 348 ކިލޯމީޓަރަށް އުދުހުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދެކެވެ.

ޕައިޕާ ޕީއޭ-28 ޗެރޯކީ

ޕައިޕާ ޕީއޭ-28 ޗެރޯކީ

ޕައިޕާ ޕީއޭ-28 ޗެރޯކީ އަކީ ޕައިލެޓް ޓްރެއިނިން ތަކަށް ނުވަތަ ކުރު ދަތުރުތަކަށް ބޭނުންކޮށް އުޅުނު ދޭއް ނުވަތަ ހަތަރު މީހުންގެ ޖާގައިގެ އެއާކްރާފްޓެކެވެ. މި އެއާކްރާފްޓަށް ގަޑިއަކު 228 ކިލޯމީޓަރު ބާރުމިނުގައި 14،300 ފޫޓު އުހުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

ސެސްނާ 72

ސެސްނާ 72

ސެސްނާ 72 ސްކައިހޯކް ގެ ނަމުން ނަން ދީފައިވާ ހަތަރު މީހުންގެ ޖާގައިގެ އެއާކްރާފްޓަކީ ދުނިޔޭގައި ވެސް އެންމެ ކާމިޔާބު އަވިގެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އެއާކްރާފްޓް އެކެވެ. އާއްމުކޮށް ތިންމީހުންނާއެކު އުދުހޭ މި އެއާކްރާފްޓަށް 13،500 ފޫޓު އުސްމިނުގައި ގަޑިއަކު 226 ކިލޯމީޓަރަށް އުދުހެވޭނެ އެވެ.

ބެލް 47 ޖޭ2 ހެލިކޮޕްޓަރު

ބެލް 47 ޖޭ2 ހެލިކޮޕްޓަރު

ބެލް 47 ޖޭ2 ހެލިކޮޕްޓަރަކީ އެމެރިކާގައި އުފައްދާފައިވާ އެއް އިންޖީނުލީ އެއާކްރާފްޓެކެވެ. މިއީ ބެލް 47 މޮޑެލްތަކުގެ ތެރެއިން އެންމެ ކާމިޔާބު މޮޑެލް އެވެ. އަދި މިއީ އެންމެ ފުރަތަމަ އެމެރިކާގެ ރައީސަކު ދަތުރު ކުރެއްވި އެއާކްރާފްޓް ވެސްމެ އެވެ.