ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގެ ހިންގުން ހަރުދަނާކޮށް "ރައިޓްސައިޒް" ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އެ ކުންފުނިތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މަސައްކަތް ނިމޭއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދަށްވުރެ ވެސް މުވައްޒަފުންގެ އަދަދު މަދުވެގެންދާނެ ކަމަށެވެ. އަދި މިހާރުގެ ހިސާބުތަކަށް ބަލާއިރު ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ އަދަދު 6،000 އަށްވުރެ މަތިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުވެސް މަދުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހާމަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އެއްވެސް އިންޒާރަކާ ނުލައި އެސްއޯއީތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި މިގޮތަށް ވަކިކުރާ މުވައްޒަފުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ގިނަކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން އެމްޑީޕީން މީގެކުރިން ބުނެފައިވަނީ، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން 14،733 މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށާއި، އޭގެ ނޭދެވޭ އަސަރު 50،000 އަށްވުރެ ގިނަ އާއިލާގެ މެންބަރުންނަށް ކުރާނެ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން މަދުކުރަން ނިންމާފައިވަނީ ކުންފުނިތަކުގެ ހިންގުން އެކަށީގެންވާ މިންވަރަކަށް ބައްޓަންކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެ ބޯޑުން މިދިޔަ އެޕްރީލް 18 ގައި ނެރުނު ސާކިއުލާއާ ހަވާލާދީ، މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ.

އަދި މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން ބެލުމަށް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތަކުގެ ރިޕޯޓު ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ޖެހޭނެ ކަމަށްވެސް އެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.