ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށްލުމާ އެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއަށް ދައުލަތާއި އަދީބާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދީބު ވަނީ ކޯޓުގައި އިއުތިރާފްވެ ވަޑައިގެންފަ އެވެ. އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގަތުމުން އޭނާގެ އަދަބު ލުއިކޮށްދޭ ގޮތަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.

އަދީބުގެ އިއުތިރާފުން އެ ދައުވާތައް ސާބިތުވުމުން އޭނާ ޖަލަށްލާން ހުކުމްކުރީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ އެއް ދައުވާއަށް ހަތަރު އަހަރާއި ނުވަ މަހަށް ޖަލަށްލުމާއި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެވަނަ ދައުވާއަށް ދެ އަހަރާއި ހަތަރު މަހަށް ޖަލަށްލުމާއި މަނީ ލޯންޑްރިންގެ ދެ ދައުވާއިން ކުރެ ކޮންމެ ދައުވާއަކަށް ފަސް އަހަރާއި 11 މަހަށް ޖަލަށްލުމާ އެކު އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އެއް ދައުވާއަށް ހަ މަހަށް ޖަލަށްލުމާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދެވަނަ ދައުވާއަށް އެއް މަހަށް ޖަލަށްލުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް ތިން މަހަށް، އެކު ޖުމްލަ 20 އަހަރަށް ޖަލަށްލުމަށެވެ. އަދި ދެ މިލިއަންގެ ޖޫރިމަނާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މީރާއަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.

އަވަސް ނިޔާގެ މައްސަލައެއް ގޮތުގައި އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ

އަދީބުގެ މައްޗަށް ކުރިން އިއްވާފައި ހުރި 33 އަހަރުގެ ޖަލު ހުކުމްތައް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.