ތެހްރާން (21 ޖޫން) - އީރާނުގައި ހުރި ހަމައެކަނި ނިއުކްލިއާ ޕްލާންޓްގެ މަސައްކަތް ދިމާވި ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުން ހުއްޓިއްޖެ އެވެ.
އާދީއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން އޮފް އީރާން އިން ބުނީ އެ ޕްލާންޓްގެ 1،000 މެގަވޯޓްގެ ރިއެކްޓަރު އޭގެ ގްރިޑަށް ގުޅައި އަލުން މަސައްކަތް ފަށަން ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ބޫޝެހެރުގައި ހުންނަ ނިއުކްލިއާ ޕްލާންޓްގައި އުޅޭ ޓެކްނިކަލް މައްސަލަ ފާހަގަކުރެވުމާއެކު، އެ ގައުމުގެ އެނާޖީ މިނިސްޓްރީން ވަނީ އޭގެ އެއް ދުވަސް ފަހުން ޕްލާންޓް ބަންދުކުރުމަށް އަންގާފަ އެވެ.
މި މައްސަލައާއެކު އީރާނުގެ ސަރުކާރު ކަރަންޓް ކުންފުނިން ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު މަދު ކުރުމަށާއި ކަރަންޓް އިސްރާފު ނުކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފަ އެވެ.
ރަޝިއާގެ އެހީއާއެކު 2013 އަހަރު ހުޅުވުނު މި ޕްލާންޓަކީ އީރާނުގެ ބުޝެހްރް ނަމަކަށް ކިޔާ އަވަށުގައި ހިންގަމުން އަންނަ ޕްލާންޓެކެވެ.
އިތުރު ދެ ނިއުކްލިއާ ޕްލާންޓެއްގެ މަސައްކަތް އެ ގައުމުގައި ކުރިއަށް ދާއިރު، އެ މަސައްކަތް ނިންމާލުމަށް 10 އަހަރު ހޭދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. – ޕްރެސް ޓީވީ