ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކި ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް މީހުން އަރައިފޭބުން މިރެއިން ފެށިގެން މަނާކޮށްފި އެވެ.

އެރަށް އަލުން މޮނިޓަރިންއަށްލީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޯޕީޑީއަށް ދެއްކި ފުލުހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އޭނާ ޕޮޒިޓިވްވުމުން އޭނާ ދަތުރުކުރި ހއ. ބާރަށާއި ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ ވަނީ މޮނިޓަރިންއަށްލައިފަ އެވެ.

އެރަށް މޮނިޓަރިންއަށްލިކަން އަންގައި ކުޅުދުއްފުށީ ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މިރޭ 21:15 އިން ފެށިގެން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން އެމީހާ ކޮވިޑް19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ޑޮކްޓަރަށް ދެއްކުމުންނެވެ. އަދި މިއަދު އެ މީހާގެ ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ރަށްތައް މޮނިޓަރިންއަށްލީ އެ ފުލުސް މީހާ އެ ރަށްތަކަށް ދަތުރުކޮށްފައިވާތީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެރަށް މޮނީޓަރިންއަށް ލުމަށްފަހު ބަލަންޖެހޭ ކަންތައް ބަލައި ނިމުމުން މޮނިޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެފަހަރު އެ ބޯޓުގެ ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކު ވެސް ޕޮޒިޓިވްވިއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކުޅުދުއްފުށިން ފެނުނު ކޭހާއި ގުޅިގެން އެ އަތޮޅު ނޮޅިވަރަމް ވެސް މޮނީޓަރިންއަށްލި ނަމަވެސް އެ ކްލަސްޓާއާ ގުޅޭ މީހަކު އެރަށުން ފެނިފައެއް ނުވެ އެވެ.