އަވަށްޓެރި އިންޑިއާ އިން ގުރުއާން އަދި އަރަބި ޓީޗަރުން ގެނައި ރާއްޖެއިން އެފަދަ ޓީޗަރުން ނުލިބިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ކެރެލާއިން ފަސް އަރަބި ޓީޗަރުންނާއި ގުރުއާން ޓީޗަރުން ގެނެސް ނުވަ ސްކޫލްއެއްގައި ކިޔަވައިދެމުން ގެންދާ ކަމަށެވެ.

ގުރުއާނާއި އަރަބި މާއްދާ ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ އެމްބަސީތަކުގެ އެހީތެރިކަމަށް އެދުމުން އިންޑިއާ އެމްބަސީގެ އެހީތެރިކަމާއެކު ޓީޗަރުން ރެކްރޫޓްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން އިންޑިޔާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދިވެހި ޓީޗަރުން ނުލިބުމުން އެ މާއްދާތަކަށް ބިދޭސީ ޓީޗަރުން ހޯދަން ނިންމީ ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން ކަމަށެވެ.