އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އެ އަތޮޅަށް ދިޔަ އިންޑިއާގެ 128 މީހުން ކަރަންޓީނުކޮށްފައި ތިބި ތަނަށް، އެ އެ ކުންފުނީގެ އިތުރު ބަޔަކު ގޮސް ބައްދަލުވެފައިވެ، އަދި އެ މީހުންނާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އައްޑޫން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެ އަތޮޅުގައި ހަދާ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރުމަށް އިންޑިއާ އިން ގެންދިޔަ 128 މީހުން ތެރެއިން ކަރަންޓީންގައި ތިބި ބައެކެވެ. މީގެ ތެރޭގައި އެ ސައިޓްގެ ސެކިއުރިޓީ ބަލަހައްޓާ މީހަކު ވެސް ހިމެނެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ސެކިއުރިޓީ ގާޑް ދިރިއުޅެމުން ދިޔައީ އެ މަސައްކަތް ކުރުމުގައި އުޅޭ 230 މުވައްޒަފުން ތިބި އެހެން ސައިޓެއްގައި ކަމަށެވެ. އަދި މި މަހުގެ ދެވަނަ ދުވަހު އޭނާ ކޮވިޑަށް ޕޮޒިޓިވްކަން ދެނެގަނެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ސެކިއުރިޓީ ގާޑުގެ އެކޮމޮޑޭޝަން މި ހުންނަނީ އެ ކޮމްޕެނީގެ މެއިން ވޯކްސައިޓުގަ. ކަރަންޓީނުވެފަ މަސައްކަތްތެރިން ތިބި ތަނާ ދުރުގަ ހުންނަ ތަނެއް. އެހެންވީމަ މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުމާ އެކު ސައިޓް ވެސް ވަނީ މޮނިޓަރިން އަށް ލެވިފަ،" އޭނާ ވިދާޅުވި އެވެ. "ހުއްދަ ނެތި ކަރަންޓީން ސައިޓަކަށް ދިއުމާ ގުޅިގެން އެކަން ބަލަމުން ދަނީ. މި މައްސަލަ ފުލުހަށް ވެސް ވަނީ ހުށައަޅާފައި."

އޭނާ ވިދާޅުވީ އެ މަސައްކަތާއި ގުޅިގެން އެރަށަށް ދަތުރުކޮށް ކަރަންޓީންގައި ތިބި އިތުރު 8 މީހުން ޓެސްޓުކުރިއިރު، އޭގެތެރެއިން ވެސް އެކަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އިތުރު ތިން ކޭސްއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 56އަށް އިތުރުވެފަ އެވެ.

އެޗްއީއޯސީން ބުނި ގޮތުގައި އެ ކޭސްތަކާ ގުޅިގެން 377 ސާމްޕަލްވަނީ ނަގާފަ އެވެ. މީގެތެރެއިން 56 މީހުން ޕޮޒިޓިވްވެފައިވާއިރު، 85 ސާމްޕަލް ނެގެޓިވް އެވެ. އަދި އިތުރު 74 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.

"ޕޮޒިޓިވްވެފައި މިވަނީ ކަރަންޓީނުގައި ތިބި މީހުންނާ އަދި އެމީހުންނަ ލިންކެއް ހުރި މީހުން މިވަގުތު. ދެން ކަރަންޓީނުގެ އުސޫލުތަކާ ވެސް ހިލާފުވެފަ ވާކަމަށް މި ފާހަގަކުރެވެނީ. އެއީ ކަރަންޓީނުގައި ތިބި މީހުންގެ ކައިރިއަށް އެހެން މީހަކު، ކޮމްޕެނީން ވިޔަސް އަދި ވޯކްސައިޓުން ވިޔަސް އައިސް ތިބި ކަމަށް. އެހެންވީމަ އަޅުގަނޑުމެން މި މައްސަލަ މިހާރު ވާނީ ޕޮލިހަށް ވެސް ރިފާ ކޮށްފަ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެތަނުން ގިނަ ކޭސްތަކެއް ފެނުނު ނަމަވެސް އައްޑޫ މޮނިޓަރިންއަށް ލާފައެއް ނުވެ އެވެ.