ލުނބޯއަކީ އަހަރެމެންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބާވަތެކެވެ. ނަމަވެސް އެއިން ލިބޭ ފައިދާތައް އެނގެނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކަށެވެ. ލުނބޯ ފަންޏަކީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫންކަން ތިރީގައިވާ ކަންކަމުން ވެސް އެނގިގެންދެ އެވެ.

ބަނޑުހައި ހޫނުކަން ކުޑަކޮށްދޭ

ލުނބޯއަކީ ފައިބަރު މުއްސަނދި ބާވަތަކަށްވުމުން ލުނބޯ ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިންތައް ހަޖަމުވުން ލަސްކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ ބަނޑުހައިވުން ކުޑަކޮށްދީ، ޖެހިގެން އަންނަ ނާސްތާ ގަޑީގައި ކެއުން މަދު ކުރުމަށް މަގުފަހިވުމެވެ.

ހަށިގަނޑުން ވިހަ މާއްދާތައް ސާފު ކޮށްދޭ

ލުނބޯގައި ހިމެނޭ ގިނަ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށް، ލޭ ސާފުކޮށްދިނުމަށް އެހީވެދެ އެވެ. މީގެ އިތުރުން ލުނބޯ ފަނީގެ ސަބަބުން އެތެރޭގެ ގުނަވަންތަކުގެ ހިނގުން ރަނގަޅު ކޮށްދީ ބަލިތަކުން ދުރުކޮށްދެ އެވެ.

ސަރުބީ ވިރުވައިދޭ

ބަރުދަން ލުއިކުރަން މަސައްކަތްކުރާނަމަ ހެނދުނު ހުސްބަނޑާ ލުނބޯ ފަނި ތަށްޓެއް ބުއިމަކީ ގިނަ މީހުން ލަފާދޭ ކަމެކެވެ. ސަބަބަކީ އެއީ ހަށިގަނޑުން ސަރުބީ ވިރުވައިދީ، ބޭނުންވާ ވަރަށްވުރެ ގިނައިން ސަރުބީ ހަށިގަނޑުގައި އެއްވިޔަ ނުދޭ ބާވަތެކެވެ. ހަމައެއާއެކު ލުނބޯ ފަންޏަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ވެސް އިތުރު ކޮށްދޭ ބުއިމެކެވެ.

ލުނބޯ ފަނިން ގިނަ ފައިދާތަކެއް ލިބޭއިރު ރަހަ ނުބައިވެގެން އެ ބުއިމުން ދުރުވުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ބުއްދިވެރި ގޮތަކީ ލުނބޯ ފަނި ބޮއިގެން ލިބޭ ފައިދާތައް ތިބާގެ ހަށިގަނޑަށް ލިއްބައި ދިނުމެވެ.